ވައިގެ ޒަރިއްޔާއިން ވެސް ކޮރޯނާވައިރަސް ފެތުރޭ: ދިރާސާ

ކޮރޯނާވައިރަސް ފެތުރެނީ ހަމައެކަނި ގައިން ގައިން ނޫން ކަމަށާއި، ވައިގެ ޒަރިއްޔާއިން ވެސް ފެތުރޭ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ. އިނގިރޭސިވިލާތުގެ ސައިންސްވެރިން ހެދި މި ދިރާސާގައި އިތުރަށް ބުނަނީ، ބަލި ޖެހިފައިވާ މީހަކު ތަނެއްގައި ހުރެފައި އެތަނެއް ދޫކޮށް ދިޔަސް، ވަރަށް ގިނަ އިރު ވަންދެން އެތަނެއްގައި ވައިރަސް ދެމިހުންނަ ކަމަށެވެ.

އެހެންކަމުން، މީގެން އަންގައިދެނީ މާސްކު އެޅުމާއި، ސިއްޙީ ޚިދުމަތްތެރިން އެންމެ އެކަށީގެންވާ ހެދުން އަޅައިގެން ތިބުމުގެ މުހިންމުކަން ކަމަށް ސައިންސްވެރިން ބުނެއެވެ. ސަބަބަކީ، ހޮސްޕިޓަލުތަކުގެ ކޮރިޑޯގައި ވެސް ވައިރަހުގެ ނިޝާން ފެންނަން ހުރުމުން ކަމަށް އެމީހުން ބުންޏެވެ.

މި ދިރާސާގައި ސާމަޕަލް ނަގާފައިވަނީ، ކޮރޯނާވައިރަހަށް ފަރުވާ ހޯދަމުންދާ ބަލިމީހުން ތިބޭ 11 ކޮޓަރިއަކުންނެވެ. އެހެންނަމަވެސް، ކޮޓަރިން ބޭރުގައި ވެސް ވައިރަސް ދައުރުވަމުންދާ ކަން ދިރާސާއިން ވަނީ ފެނިފައެވެ.

ނުރައްކާތެރި ކޮރޯނާވައިރަސް ޖެހިގެން މުޅި ދުނިޔެއިން 8 ލައްކައަށްވުރެ ގިނަ މީހުން ރިޕޯޓުކޮށްފައިވާއިރު، މި ބަލި އެހާ ހަލުވިކަމާއެކު ފެތުރޭ ސަބަބުތައް ދެނެގަންނަން ސައިންސްވެރިން އަންނަނީ އެކި ކަހަލަ ދިރާސާތައް ކުރަމުންނެވެ. މި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ގިނަވަމުންނެވެ. އެގޮތުން، މިހާތަނަށް 40،000 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ.