ޓްރަމްޕު ވިދާޅުވަނީ އިސްތަށިފުޅަކީ ފޭކެއް ނޫން ކަމަށް

ކޮރޯނާވައިރަހާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކޮންމެ ދުވަހަކު ދެއްވަވާ ޕްރެސް ބްރީފިންގެ ތެރެއިން މިދިޔަ ހޯމަދުވަހު ބޭއްވެވި ބްރީފިންގައި އެމަނިކުފާނު ވަނީ ވަރަށް އެހެން ކަހަލަ ވާހަކަފުޅެއް ވިދާޅުވެފައެވެ. އެގޮތުން، މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕު ވިދާޅުވީ، އެމަނިކުފާނުގެ އިސްތަށިފުޅަކީ އަސްލެއް ކަމަށެވެ.

ޓްރަމްޕު މިހެން ވިދާޅުވީ އެ ބްރީފިންގެ ތެރެއިން، ކޮރޯނާވައިރަހުގެ އައު ޓެސްޓު ކިޓެއް އާންމުންނަށް ދައްކައިލެއްވުމަށް ފަހުގައެވެ. އެގޮތުން، އެވަގުތު ޖެހުނު ބާރު ވައި ރޯޅިއަކާއެކު، ޓެސްޓު ކިޓުގެ ފޮށި ވަޔާ ދިޔުމުން ޓްރަމްޕު އެކަން ފާހަގަކުރެއްވުމަށް ފަހުގައި އަމިއްލަފުޅަށް އިސްތަށިފުޅުގައި އަތްލައްވަމުން ވިދާޅުވީ، އިސްތަށިފުޅު ވަޔާ ނުދާ ކަމަށެވެ. އަދި އެއީ އަސްލެއް ކަމަށް ވިދާޅުވިއެވެ. މި ވީޑިއޯ މިހާރު އަންނަނީ މީސްމީޑިއާގައި ދައުރު ވަމުންނެވެ.

ޓްރަމްޕު އެގޮތަށް ވިދާޅުވެފައި ވަނީ، އެމަނިކުފާނު ހުންނަވަނީ ވިގެއް (ހަދާފައި ހުންނަ އިސްތަށިގަނޑެއް) ޖަހައިގެން ކަމަށް ބުނެ ގިނަ ބަޔަކު މީގެ ކުރިން ޖޯކު ޖަހާފައި ވާތީ، އެކަމަށް އިޝާރާތްކުރެއްވުމުގެ ގޮތުން ކަމަށް ބައެއް ރިޕޯޓުތަކުން ބުނެއެވެ.

ޑޮނާލްޑް ޓްރަމްޕަކީ، ވަރަށް އާދަޔާޚިލާފު ކަންކަމުގައި ވެސް ޚަބަރުތަކުގެ ސުރުޚީއަށް އަރާ ރައީސެކެވެ. އެގޮތުން، އެބޭފުޅާއަކީ އެހެން ރައީސުންނާ ޚިލާފު މިޒާޖެއް ހުންނަވާ ބޭފުޅެއްގެ ގޮތުގައި މީޑިއާ ތަކުން މީގެ ކުރިންވެސް ވަނީ ސިފަކޮށްފައެވެ. ގިނަ ބަޔަކަށް މިކަން މަޖާވިޔަސް، އަނެއް ބަޔަކު ބުނަނީ އެއީ ވަރަށް “އަންޕްރޮފެޝަނަލް” ކަމެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!