ކާފިއު ގަޑި ފާއިތުވި ފަހުން ބެލްކަނީގައި ކުޅެން ހުރުމުން ކުޑަކުއްޖެއްގެ ގަޔަށް ފުލުހުން ބަޑި ޖަހައިފި

ކޮރޯނާވައިރަހާ ގުޅިގެން ކެންޔާގައި ކަނޑައަޅާފައި އޮންނަ ކާފިއު ގަޑި ފާއިތުވެފައި އޮއްވައި ބެލްކަނީގައި ކުޅެން ހުރުމުން، ފުލުހުން ކުޑަކުއްޖެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފިއެވެ. އެގޮތުން 13 އަހަރުގެ ޔާސިން މޯޔޯ ކުޅެން ހުރީ ކާފިއު ވަގުތު ކަމަށްވާ ރޭގަނޑު 7 ޖެހިތާ 20 މިނިޓު ވެފައި ވަނިކޮށެވެ.

ހޯމަ ދުވަހު ހިނގި މި ހާދިސާގައި ޔާސިންގެ ބަނޑަށް ބަޑިޖެހުމުން، އޭނާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެހެންނަމަވެސް، އޭގެ އަނެއް ދުވަހު އޭނާ ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ވަނީ ރިޕޯޓު ކޮށްފައެވެ. މިކަމާ ގުޅިގެން ކެންޔާގެ ރަސްމީ ފަރާތްތަކުން އަންނަނީ މި މަރު ތަޙުޤީޤު ކުރަމުން ކަމަށް ޚަބަރުތައް ބުނެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ، އެ ޤައުމުގައި ކާފިއު އިޢުލާނު ކުރުމާއެކު ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން އަންނަ ކަމަށް ރައްޔިތުން ޝަކުވާ ކުރަމުން އަންނަނިކޮށެވެ. އެގޮތުން، ފުލުހުން ޗާބޫކާއި ކުއްތާ ބޭނުން ކޮށްގެން، ކާފިއުއާ ޚިލާފުވާ ކަމަށް ޝައްކުކުރެވޭ އާންމުންނަށް އަނިޔާ ކުރާ ވީޑިއޯތަކެއް ވެސް ވަނީ މީސްމީޑިއާގައި އާންމުވެފައެވެ.

އެހެންނަމަވެސް، ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، ކެންޔާގައި މިހާތަނަށް ފެނިފައިވަނީ ކޮވިޑް-19 ގެ އެންމެ 50 ކޭހެވެ. އަދި މަރުވެފައިވަނީ އެންމެ މީހެކެވެ. ނަމަވެސް ޓެސްޓު ކިޓު ލިބުން ދަތިވުމާ ގުޅިގެން، އެ ޤައުމުގައި ކާފިއު އިޢުލާނު ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!