އައްޑޫ ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ދެ ނަރުހެއް ހޯމް އައިސޮލޭޝަނަށް

އައްޑޫގައި ހުންނަ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ދިޔަ މީހެއްގެ ކިބައިގައި ކޮރޯނާވައިރަހުގެ އަލާމާތްތައް ހުރުމުން، އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިން ޑޮކްޓަރާއި ދެ ނަަރުހުން ހޯމް އައިސޮލޭޝަނަށް ދާން އަންގައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ތަޖުރަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ބަލިވެގެން އިކުއިޓޯރިއަލް ހޮސްޕިޓަލަށް ދިޔައީ އިންޑިއާގެ ކޮޗިން އިން ރާއްޖެ އައި ދިވެއްސެއް ކަމަށެވެ. އަދި އެމީހާގެ ގައިން ބަލީގެ އަލާމާތްތައް ފެންނާތީ ގޮސްފައިވަނީ ހޮސްޕިޓަލުގެ އީއާރަށް ކަމަށާއި އެވަގުތު އޭނާއަށް ފުރަތަމަ އެޓެންޑުވި ދެ ނަރުހުންނާއި ޑޮކްޓަރު ތިބީ ޕްރޮޓެކްޓިވް އިކުއިޕްމަންޓުގައި ނޫން ކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ދެ ނަރުހުންނާއި ޑޮކްޓަރުން ހޯމް ކޮރަންޓީނުގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިޔަ މީހާގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޑޮކްޓަރާއި ނަރުހުން ގޭގައި އެކަހެރިވާން އަންގާފައިވަނީ ޓެސްޓުގެ ނަތީޖާ ލިބެންދެން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!