ވަޒީފާ ގެއްލޭ ފަރާތްތަކަށް އިނާޔަތް ދޭން ހުށަހަޅަނީ

ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް އުޖޫރައެއް ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހެޅުމަށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނިންމަވައިފިއެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ވިޔަފާރިތައް ދަށަށް ގޮސް، ވަޒީފާ ގެއްލުން ކުޑަކުރުމުގެ ގޮތުން ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 2.5 ބިލިއަން ރުފިޔާގެ ހާއްސަ އިގްތިސާދީ ޕެކޭޖެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާނު ކުރައްވާފަ އެވެ.

މާދަމާ އަލީ އާޒިމް ހުށަހަޅުއްވާ މައްސަލައިގައި ވިދާޅުވެފައި ވަނީ، އެ އިގްތިސާދީ އެހީގެ ޕްރޮގްރާމްގެ ދަށުން ވަޒީފާ ގެއްލޭ ފަރާތްތަކާއި ދުވަހު މުސާރައަށް އުޅޭ ފަރާތްތަކަށް އުޖޫރައެއް ދޭން އެ ޕްރޮގްރާމުގައި ހިމެނުމަކީ މުހިންމު ކަމެއް ކަމަށެވެ.

ނަމަވެސް އުޖޫރަ ދޭން ޖެހޭނީ އިގްތިސާދަށް ފައިދާވާ މަސައްކަތެއް ކުރަން ޝަރުތުކޮށް، ކުރާ މަސައްކަތެއްގެ ސަބަބުން އިގްތިސާދުގެ އުފެއްދުންތެރިކަން އިތުރު ކުރެވޭނެ ގޮތްތަކަށް ރާވައިގެން ކަމަށް މައްސަލައިގެ ކަރުދާހުގައި ބަޔާންކޮށްފައިވެ އެވެ. އަދި މި ހާލަތުގައި ރާއްޖޭގައި ތަރައްގީ ކުރެވޭނެ ދާއިރާތަކަކީ ކޮބައިތޯ ބަލައި ވީ އެންމެ އަވަހަށް އެ ދާއިރާތަކުގެ މަސައްކަތް ފެށުން މުހިއްމު ކަމަށާއި އެގޮތުން މި ހާލަތުގައި ކުރެވިދާނެ ދެ ކަމެއް އާޒިމްގެ މައްސަލާގައި ވަނީ ފާހަގަކޮށްފައެވެ.

އެއީ ބޮޑެތި ރަށްރަށް ފާހަގަކޮށް، ފިޝަރީޒް މިނިސްޓްރީން ދަނޑުވެރިކަން ފުޅާކުރަން ކަނޑައަޅާފައިވާ ޕްރޮގްރާމުތައް އެ ރަށްރަށުގައި ހިންގުމާއި، މަސްވެރިކަމުގެ ސިނާއަތަށް ދޭން ކަނޑައަޅާފައިވާ ޕެކޭޖުގައި މަސް ރައްކާ ކުރެވޭނެ ގޮތް ހަދައި ރާއްޖެއާއި ދުނިޔޭގެ ބާޒާރަށް ދިވެހި މަހުގެ އުފެއްދުންތައް ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕެކޭޖެއް ހިމެނުން ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!