ކައުންސިލް އިންތިހާބު އަންނަ އަހަރު ބާއްވާގޮތަށް ޚާއްޞަ ޤާނޫނެއް

ރާއްޖޭގައި ކޯވިޑް-19 ފެތެރެމުންދާތީ ފަސްކުރަންޖެހުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު ބާއްވާގޮތަށް ޚާއްޞަ ޤާނޫނެއް އެކުލަވާލުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ނިންމީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އިންތިހާބު ފަސްކުރަން ނިންމައި އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްދިނުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

ނަމަވެސް މި މައްސަލަ އަށް އަވަސް ހައްލެއް ހޯދައިދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނުމުން ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ޖެނުއަރީ މަހުގެ ހަވަނަ ދުވަހަށް ފަސްކުރުމަށް ޚާއްޞަ ޤާނޫނެއް ޑްރާފްޓްކުރުމުގެ މައްސައްކަތް މިހާރު ވަނީ ފަށާފައިއެވެ. މި ޑްރާފްޓް ނިންމައި މިހަފްތާގެ ތެރޭގައި މަޖިލީހަށް ހުށައެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. 

ލޯކަލް ކައުންސިލް އިންތިހާބު ޖެނުއަރީއަށް ފަސްކުރާކަން އެއްވެސް ރަސްމީ އިދާރާއަކުން މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!