ބީއެމްއެލް އިން ލޯނުތައް ދެއްކުން ފަސްކޮށްދޭ ހަ މަސްދުވަހަށް އިންޓްރެސްޓް ދައްކަން ނުޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިފަދައިން ވިދާޅުވެފައި މިވަނީ ބީއެމްއެލްގެ ހުރިހާ ލޯނެއް ދެއްކުން ހަމަަސް ދުވަހަށް ފަސް ކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ގިނަ ބަޔަކު އެކަމާއި ގުޅިގެން ތަފާތު ވާހަކަތައް ދައްކަމުން އަންނަ ދަނޑިވަޅެއްގައެވެ.
މިނިސްޓަރު އަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯނުތައް ދެއްކުން ފަސްކޮށްދީފައިވާ ހަ މަސް ދުވަހުގެ މުއްދަތުގައި ބީއެމްއެލްއިން އެއްވެސް އިންޓްރެސްޓެއް ނުނަގާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ކޮރޯނާވައިރަހާ ގުޅިގެން ކަސްޓަމަރުންނާއި ރާއްޖެއަށްވެސް ވެދެވެން އޮތް އެންމެ ބޮޑެތި އެހީތަކާއި ލުއިތައް ދިނުމަށް މަސައްކަތްކުރަމުން ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހައުސިންގް ލޯނުތަކުގެ އިތުރުން ވިޔަފާރި ލޯނުތަކާއި ޕާސަނަލް ލޯނުތައްވެސް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދީފަ އެވެ.