ކޮވިޑް-19 އާއި ގުޅިގެން ކުރިއަށް އޮތް ހަތަރު މަހުގެ މުސާރަ ނުނަގަން ޔުވެންޓަސް ކުޅުންތެރިންނާއި އެ ކްލަބުގެ ކޯޗު މައުރީޒިއޯ ސާރީ ނިންމައިފި އެވެ.
މިއީ އެ ކްލަބަށް ކުރިމަތިވާނެ ކަމަށް ލަފާކުރެވޭ 90 މިލިއަން ޔޫރޯގެ މާލީ ގެއްލުން ފޫބައްދަން އެޅި ފިޔަވަޅެކެވެ. އެކަމަށް ކުޅުންތެރިންނާއި ކޯޗުގެ ފުރިހަމަ ރުހުން ވަނީ ލިބިފަ އެވެ. ޔުވެންޓަސް އިން ވަނީ މި އުނދަގޫ މި ދަނޑިވަޅުގައި ކުޅުންތެރިންނާއި ކޯޗުގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރުއަދާކޮށްފަ އެވެ.
އިޓާލިއަން ލީގުގެ އިތުރުން ޗެމްޕިއަންސް ލީގު ވެސް މެދުކަނޑާލާފައިވާތީވެ މެޗު ޓިކެޓް ފައިސާ އާއި ޓީވީ ރައިޓްސް ފައިސާ ވެސް މި ވަގުތު ޔުވެންޓަސް އަށް ނުލިބޭނެ އެވެ. އަނެއްކޮޅުން އެ ޓީމަކީ ކުޅުންތެރިންނަށް އެންމެ ބޮޑު މުސާރަ އިޓަލީން ދޭ ކްލަވެ. ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާ އެވެ. އޭނާ އަށް އަހަރަކު 30 މިލިއަން ޔޫރޯގެ މުސާރައެއްދޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މާލީ ގެއްލުން ކުޑަކުރަން ޖަރުމަނުގެ ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑުން ވެސް ވަނީ ކުޅުންތެރިންގެ މުސާރަކުޑަކޮށްފަ އެވެ.
ކޮރޯނާވައިރަހުގެ ހާލަތު އަދިވެސް ހަމަޔަކަށް ނޭޅޭތީވެ ލީގުތައް ފެށޭނެ ތާރީހެއް އަދި ނޭގެ އެވެ. ލީގުތަކުން ވިސްނަމުން އަންނަނީ މޭ މަހު ފަށާށެވެ.