ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން އަވަހާރަވި ފުރަތަމަ ޝާހީ ބޭފުޅަކަށް ސްޕެއިންގެ އަމީރާ (ޕްރިންސަސް) މާރިޔާ ތެރީސާ ވެވަޑައިގެންފިއެވެ.
ޕްރިންސަސް ތެރީސާ އަވަހާރަވެފައިވާކަން އެކަމަނާގެ ކޮއްކޯފުޅު އިއުލާނު ކުރައްވާފައިވާއިރު، އަވަހާރަވީއިރު އެކަމަނާގެ އުމުރުފުޅުން 86 އަހަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އަމީރާ މާރިޔާ ތެރޭސާއަކީ ސްޕެއިންގެ ރަސްގެފާނު ފިލީޕޭ 6 ވަނައާއި ދެބެންގެ ދެދަރި މެމްބަރެކެވެ. ޝާހީ އާއިލާގެ މެމްބަރަކު އާންމުކުރެއްވި ފޭސްބުކް ޕޯސްޓްއެއް ބުނާ ގޮތުގައި އަމީރާ މާރިޔާ ތެރޭސާ އަވަހާރަވެފައިވަނީ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައެވެ.
“ރެޑް-ޕްރިންސަސް”ގެ ވަނަމުން މުހާތަބުކުރެވެމުންދާ އަމީރާ މާރިޔާ ތެރޭސާއަކީ ފަރަންސޭސިވިލާތުން ތައުލީމު އުނގެނިވަޑައިގެން އެގައުމުގައި ޕްރެފެސަރެއްގެ ގޮތުގައި ހިދުމަތްކުރެއްވި ޝާހީ މެމްބަރެކެވެ. މީގެ އިތުރުން އޭނާ ވަނީ އެކްޓިވިސްޓެއްގެ ގޮތުގައި ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެވަޑައިގެންފައެވެ.
ސްޕެއިންގެ ޝާހީ އާއިލާއިން ޚަބަރުދޭ ގޮތުގައި އަމީރާ މާރިޔާ ތެރޭސާގެ ޖަނާޒާ، މދިޔަ ހުކުރު ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. ޖަނާޒާ ކުރިއަށް ގެންދިޔައީ މެޑްރިޑްގައެވެ.
ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ޝާހީ އިތުރު މެމްބަރަކަށް ބަލާއިރު، އިނގިރޭސިވިލާތުގެ ވަލީ އަހުދު ޕްރިންސް ޗާލްސް ފާހަގަކުރެވެއެވެ. މީގެ އިތުރުން މެލޭޝިއާގެ ޝާހީ އާއިލާގެ މެމްބަރުންތަކެއްވެސް ކޮވިޑަ-19އަށް ޕޮޒިޓިވްވެފައިވާކަމުގެ ޚަބަރުތަކެއް ވަނީ ފެންމަތިވެފައެވެ.