ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓައިފި

ގައުމަށް ދިޔަ ފަހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި އިޓަލީ މީހާގެ މައްސަލައާއި ގުޅިގެން ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ރާއްޖޭގައި ކޮވިޑް-19 އެންމެ ފުރަތަމަ ޖެހުނީ، ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރަމުންދާ ދެ ބިދޭސީ މުވައްޒަފަކަށެވެ. އެ ދެ މީހުނަށް އެ ވައިރަސް ޖެހިފައިވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުންކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ފަތުރުވެރިޔާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ އެނބުރި ގައުމަށް ދިޔަ ފަހުންކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެ އެވެ. ނަމަވެސް، އެ މީހާ ރިސޯޓުގައި ހުރި އިރުވެސް، ބަލީގެ އަލާމާތްތައް ހުރި ކަމަށާއި، ނަމަވެސް އެކަން ރިޕޯޓުކޮށްފައިނުވާ ކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. އޭގެ ފަހުން، އޭނާ ފުރުމުގެ ކުރިން މާލޭގައިވެސް ދެ ދުވަހު ހުރިކަމަށް ސާރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން އެ އަމުރު ނެރެފައިވަނީ ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައި ވާއިރު، އެކަމުގެ މައުލޫމާތު ހުރި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތުން، އެ ފަތުރުވެރިޔާގެ ގައިގައި ބަލިހުރިކަން ދެނެނުގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުލިބި އޭނާ ފުރައިގެން ގޮސްފައިވުމާއި، އެކަމުގެ ސަބަބުން ކޮވިޑް-19 ވައިރަސް ރާއްޖޭގައި ފެތުރި އިތުރު ފަރާތްތަކުގެ ސިއްހަތަށާއި، ފުރާނައަށް ނުރައްކާ ކުރިމަތިވުމުގައި އިޓަލީގެ ފަތުރުވެރިޔާއާ އެކި ގޮތްގޮތުން މުއާމަލާތް ކުރި ފަރާތްތަކުން އެކަން އަންގަން ޖެހޭ ފަރާތްތަކަށް ނާންގާ، އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާ ކުޑަކޮށް އަމަލުކޮށް އިހުމާލުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

އަދި އޭނާ އަކީ ބިދޭސީއަކަށްވާއިރު މި މައްސަލަ ތަހުގީގު ކުރަން ފެށުމުން އޭނާ ރާއްޖެ އިން ފުރަން މަސައްކަތްކޮށްފާނެ ކަމަށްވެސް އެ އަމުރުގައި ބުނެފައިވެއެވެ.

އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މި މަހުގެ 23 އިން އަންނަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޯޓު އަމުރު ނެރުނީ ފުލުހުން އެދިގެން ކަމަށްވާއިރު، މި އަމުރު ރައްދުވަނީ މޯލްޑިވްސް އިމިގްރޭޝަނަށެވެ.

ފުލުހުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ކުރެއްދޫ އިން ބައްޔަށް ޝައްކު ކުރެވުނު ފަތުރުވެރިޔާގެ މައްސަލައާގައި އެ ރިސޯޓުގެ ޑޮކްޓަރު އެޗްޕީއޭ އަށް ގުޅި ކަމަށް ބުނެފައެވެ. ނަމަވެސް އެ ފަތުރުވެރިޔާއަށް ދިމާވެގެން އުޅެނީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ ކަމެއް ކަމަކަށް ޑޮކްޓަރު އެޗްޕީއޭއާ ހިއްސާ ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!