މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ކާސިންޖީ މަގުގައި ހުރި ގެސްޓްހައުސެއްގައި ބަންގްލަދޭޝް ފިރިހެނަކު މަރުވެފައި އޮއްވާ ފެނުނު މައްސަލަ އެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މިކަމުގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 9:10 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ، މައުލޫމާތުލިބިފައިވާ ގޮތުގައި، އެމީހާއަކީ މ. ކޮޅުފުށިން އައި މީހެއް ކަމަށެވެ. އަދި އޭނާ ބަނޑަށް ތަދުވާތީ އިއްގެ އޭޑީކޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި، މިއަދު ވެސް ޑޮކްޓަރަށް ދެއްކުމަށް ދާން ޖެހޭ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މަރުވެފައި އޮތް މީހާ ހޮސްޕިޓަލަށް ގެންދަން އެންބިއުލެންސަށް އެރުވިއިރު އެކަމުގައި ހަރަކާތްތެރިވި މީހުން ތިބީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުން ކުރާ ހެދުން ލައިގެންނެވެ. އަދި މަގުމަތީގައި ފުލުހުންގެ ޔުނީފޯމްގައި ތިބި މީހުން ވެސް ތިބީ މާސްކް އަޅައިގެންނެވެ. ނަމަވެސް މަރުވި މީހަކީ ކޮވިޑް-19 އާއި ގުޅުން ހުރި މީހެއް ކަމެއް އަދި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ނުބުނެއެވެ.
މަރުވެފައި އޮތް މީހާ ހޮސްޕިޓަލަށް ގެންދިޔަ ފަހުން އެސަރަހައްދު ޑިސްއިންފެކްޓް ކުރި މަންޒަރު ވެސް ފެނިފައި ވެއެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި، ރޭ މި ބިދޭސީ މީހާ ހުންއައިސް ހޮޑުލައިފައިވާ ކަމަށެވެ. އޭނާ މަރުވެފައިވާކަން އެނގިފައި ވަނީ އޭނާ ގޮވައިގެން ޑޮކްޓަރަށް ދެއްކުމަށް އޭނާގެ ރައްޓެއްސަކު އޭނާ ބަލާ ދިއުމުން ކަމަށް ވެސް މައުލޫމާތުލިބެއެވެ.