ކޮވިޑް-19: އަނެއްކާވެސް އިތުރު ދިވެއްސަކު ރާއްޖެއިން ޕޮޒިޓިވްވެއްޖެ

އިނގިރޭސި ވިލާތުން ރާއްޖެ އައުމުން ކަރަންޓީން ފެސިލިޓީއެއްގައި ބަހައްޓާފައި ހުރި އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ބ. އަތޮޅުގައި އޮންނަ ރޯޔަލް އައިލެންޑް ރިސޯޓުގައި ބަހައްޓާފައި ހުރި އެ ދިވެހި މީހާގެ ސާމްޕަލް ޓެސްޓް ކުރިއިރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް އަދި ނުދެ އެވެ.


މިއީ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެވަނަ ދިވެހި މީހާއެވެ. މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ވެސް އިނގިރޭސި ވިލާތުން އެނބުރި އައި ދިވެއްސެކެވެ. އޭނާ ހުރީ ވެލިދޫ އައިލެންޑް ރިސޯޓުގައެވެ.

މިހާތަނަށް 2 ދިވެހިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، ޔޫއޭއީގައި ހުރި ދިވެއްސެއް ޕޮޒިޓިވްވިކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ހާމަކުރިއެވެ. ނަމަވެސް ދިވެހި ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް 17 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 15 ބިދޭސީންނެވެ. މީގެ ތެރެއިން މިހާތަނަށް 11 މީހަކު ވަނީ ރަނގަޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!