މައިކަލް ޖެކްސަންގެ ދަރިފުޅާ ބެހޭގޮތުން ނޭނގޭ 5 ކަމެއް

ޕޮޕްގެ ރަސްގެފާނުގެ ގޮތުގައި ދުނިޔެ ދެކުން ލަވަކިޔުންތެރިޔާ، މައިކަލް ޖެކްސަންގެ ދޮށީ ދަރިފުޅު ޕެރިސް ޖެކްސަންއާ ބެހޭގޮތުން އެނގެނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ ނޭނގޭ ނަމަ މި އާޓިކަލް ކިޔައިލާށެވެ. ޕެރިސް އަކީ މައިކަލް ޖެކްސަންގެ ހަމައެކަނި އަންހެން ދަރިއެވެ. 2009 ވަނަ އަހަރު މައިކަލް ޖެކްސަން މި ދުނިޔެ ދޫކޮށްފައި ވިޔަސް، ޕެރިސްގެ ނަން މީޑިއާތަކުގައި ފަނޑުވުމެއް ނުވެއެވެ.

1. މިލްކިއްޔާތުގައި 100 މިލިއަން ޑޮލަރު

ޕެރިސްގެ ބައްޕަގެ ކިބައިން ވާރުތަވެފައިވާ މުދާ ހިމެނޭ ގޮތަށް، ޕެރިސްގެ މިލްކިއްޔާތު 100 މިލިއަން ޑޮލަރަށް އަރާކަމަށް ވެއެވެ. އެހެންނަމަވެސް، އޭނާ ބޭނުންވަނީ އަމިއްލަ މަސައްކަތުން ފައިސާ ހޯދަން ކަމަށް އަބަދުވެސް ބުނެއެވެ.

2. ބައްޕަގެ ހަނދާނުގައި 9 ޓެޓޫ

ޕެރިސްގެ މުޅި ހަށިގަނޑުގައި ޖުމްލަ 50 ޓެޓޫ ހުރެއެވެ. އޭގެތެރެއިން 9 ޓެޓޫއަކީ ބައްޕަ މައިކަލް ޖެކްސަންއަށް ޚާއްސަކޮށްފައިވާ ޓެޓޫއެވެ. އެގޮތުން މައިކަލް ޖެކްސަން ޕެރިސްއަށް ލިޔެފައި އޮތް ސިޓީއަކުން ނަގާފައިވާ ބަސްކޮޅެއް، ހަމަ އެ އަތުލިޔުމުން ޕެރިސްގެ ގައިގައި ޓެޓޫ ކޮށްފައިވެއެވެ. އަދި މައިކަލް ޖެކްސަންގެ މޫނުގެ ބައެއް ސިފަވާ ގޮތަށް ކުރަހާފައިވާ ޓެޓޫއެއް ޕެރީގެ އަތުގައި ފެންނަން ހުރެއެވެ.

މައިކަލް ޖެކްސަންގެ ޓެޓޫއެއް ޕެރީގެ އަތުގައި

3. މަސްތުވާތަކެތިން އަރައިގަންނަމުން އަންނަ ޒުވާނެއް

ބައްޕަ ވަކިވުމުގެ ހިތާމައާއެކު، ޕެރިސް ވަނީ އުމުރުން އެންމެ 15 އަހަރުގައި މަސްތުވާތަކެތީގެ ބާވަތްތަކެއް ބޭނުންކުރަން ފަށައިފައެވެ. އެ ވަބާގައި އުޅެމުން، ދެފަހަރަކު އަމިއްލައަށް މަރުވާންވެސް މަސައްކަތް ކުރި ކަމަށް ޕެރިސް ވަނީ އެއްބަސްވެފައެވެ. ނަމަވެސް އެފަހުން ތެރަޕީ ދޭ ސްކޫލަކަށް ގޮސްގެން، އެކަމުން އަރައިގަނެފައިވާ ކަމަށް ބުނެއެވެ. އަދި މިހާރު އެ އެޑިކްޝަންއާ ދުރުގައި ހުންނަން މަސައްކަތްކުރަމުން ދާ އިރު، އޭނާއަށް އިޙުސާސްވަނީ މުޅިން އެހެން މީހެއްގެ ގޮތުގައި ކަމަށް އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

4. ޕެރިސް ދެކެނީ އޭނާއަކީ ކަޅު ނަސްލުގެ މީހެއް ކަމަށް

މައިކަލް ޖެކްސަން އަކީ ކަޅު މީހަކަށް ވާއިރު، ޕެރިސް ވެސް ދެކެނީ އޭނާއަކީ ބައްޕަ ފަދައިން ކަޅު ނަސްލުގެ މީހެއްގެ ގޮތުގައި ކަމަށް އޭނާ ވަނީ ބުނެފައެވެ. “ބައްޕަ ކުރިން އަބަދުވެސް އަހަންނާ ދިމާއަށް ބުނާނެ އަހަންނަކީ ކަޅު މީހެކޭ. އަމިއްލަ ނަސްލާމެދު ފަޚުރުވެރިވާށޭ. އެއީ އަހަރެންގެ ބައްޕައަށް ވާއިރު، ބައްޕަ ބުނާ ކޮންމެ އެއްޗެއް އަހަންނަށް ޤަބޫލު ކުރެވޭނެ. އަހަންނަށް އެނގިގެން ބައްޕަ ދުވަހަކުވެސް އަހަންނަކަށް ދޮގެއް ނުހަދާ”، އޭނާގެ ހަމުގެ ކުލަ ދޮންކޮށް ހުއްޓަސް، އަމިއްލައަށް ދެކެނީ ކަޅުމީހެއްގެ ގޮތުގައި ކަމަށް ބުނެ ޕެރިސް އިންޓަވިއުއެއްގައި ކިޔައިދީފައި ވެއެވެ.

5. އުފަން މަންމައަކީ ކާކުކަން އެނގުނީ އުމުރުން 10 އަހަރު ވީ ފަހުން

މައިކަލް ޖެކްސަންއާއި އޭރުގެ އަންހެނުން ޑެބީ ރޯވ 1999ގައި ވަރިވުމާއެކު، މައިކަލް ވަނީ ޕެރިސް ބެލުމުގެ ޒިންމާއާ ކޯޓުން ހަވާލުވެފައެވެ. އޭރު ޕެރިސްއަށް އަހަރެއް ވެސް ނުވާނެއެވެ. ވުމާއެކު، ޕެރިސް ބޮޑުވީ މަންމައަކާ ނުލައި، ހަމައެކަނި ބައްޕަގެ ބެލުމުގެ ދަށުގައެވެ. އަދި މަންމައަކީ ކާކުކަން ޕެރިސްއަށް ކިޔައިދީފައި ވަނީ އުމުރުން 10 އަހަރު ފުރުން ފަހުން ކަމަށްވެއެވެ. އެހެންނަމަވެސް އޭރުވެސް މަންމައާއި ބައްދަލު ކުރުމުގެ ފުރުސަތެއް ޕެރިސްއަށް ލިބިފައެއް ނުވެއެވެ. ޕެރިސް އޭނާގެ މަންމައާއި ބައްދަލުކޮށްފައި ވަނީ ބައްޕަ މަރުވިފަހުން، އޭނާގެ އުމުރުން 13 އަހަރުގައެވެ.

ޕެރިސް، މަންމަ ޑެބީއާ އެކީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!