ގެއްލުނު ކުޑަކުއްޖާގެ ހިމާޔަތުގައި 48 ގަޑިއިރު ވަންދެން ހުރީ އޭނާ ގެންގުޅޭ ކުއްތާ

މިދިޔަ ބުދަ ދުވަހު އެމެރިކާގެ އެލަބާމާ އިން ގެއްލުނު 4 އަހަރުގެ ކުޑަ އަންހެން ކުއްޖާ ގެއްލުނުތާ 48 ގަޑިއިރު ފަހުން ފެނުނު އިރު، އޭނާގެ ކައިރީގައި އޭނާގެ ކުއްތާ ހުރި ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އެގޮތުން ޑެއިލީ މެއިލުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވެޑީ ސައިޑްސް ނަމަކަށް ކިޔާ ކުޑަ އަންހެން ކުއްޖާ ގެއްލިފައި ވަނީ، އޭނާ ބަލަހައްޓާ މީހާއާއެކީ ގޭގެ ފުރަގަހުގައި އުޅެނިކޮށެވެ.

ވެޑީ ބަލަހައްޓާ މީހާ (ބޭބީސިޓާ) އަކީ އުމުރުން 70 އަހަރުގެ މީހެއް ކަމަށާއި، ވެޑީ އޭނާ ގެންގުޅޭ ކުއްތާއާ އެކީ ދިޔަ ތަނެއް އެމީހާއަށް ނޭނގޭ ކަމަށް ބުނެފައިވެއެވެ. އެއާއެކު، 100 އަށްވުރެ ގިނަ މީހުންގެ ޓީމަކުން ވަނީ އެކުއްޖާ ހޯދުމުގެ މަސައްކަތް ފަށައިފައެވެ. ނަމަވެސް ވެޑީ ފެނިފައި ވަނީ އޭގެ ދެދުވަސް ފަހުން، މިދިޔަ ހުކުރު ދުވަހުގެ ހަވީރެވެ. އޭނާ ފެނުންއިރު އޭނާގެ ކުއްތާ އިތުރު އެއްވެސް ތަނަކަށް ނުގޮސް އޭނާގެ ހިމާޔަތުގައި ކައިރީގައި ހުރިކަމަށް، ވެޑީ ހޯދަން ނުކުތް އޮފިސަރުން ވަނީ ރިޕޯޓުކޮށްފައެވެ.

“ހޯދުމުގެ މަސައްކަތުގައި އުޅުނު މީހަކަށް އެހިސާބު ގަނޑުން ކުއްތާއެއްގެ އަޑު އިވިގެން ގަސްތަކުގެ ތެރެއަށް ވަނީ” ވެޑީ ފެނުން ގޮތް ކިޔައިދެމުން ރެސްކިއު ޓީމުގައި އުޅުނު މީހެއް ބުންޏެވެ. އަދި ވެޑީ ފެނިފައިވަނީ، އޭނާ ގެއްލުނު ތަނާ އެއް މޭލަށް ވުރެ ކައިރި ހިސާބެއްގެ ގަސްތަކުގެ ތެރެއިން ކަމަށް ވެއެވެ.

އެހެންނަމަވެސް ރެސްކިއު ޓީމުގެ މީހުން ފެނުމާއެކު، ކުއްތާ ވަނީ ދުވެ ފިލައިފައި ކަމަށްވެއެވެ. “ވެޑީ ފެނުނު އިރު ހުރީ ކަކުލާއި އަތްދަނޑި ކުޑަކޮށް މަށައިގެން ގޮއްސަ. އެކަމަކުގެ އޭގެ އިތުރުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތް. އަހަރެމެން ފެނުމާއެކު ވަރަށް ރީއްޗަށް ވާހަކަވެސް ދެއްކި. މިއީ ހަމަ އަޖައިބުން ފުރިގެންވާ ކަމެއް” އެހާ ތުއްތު ކުއްޖެއް 2 ދުވަސް ވަންދެން އެކަނި ގަސްތަކުގެ ތެރޭގައި ސަލާމަތުން ހުރި ގޮތެއް ބުނަން ނޭނގޭ ކަމަށް އޮފިސަރެއް ކިޔައިދިނެވެ.

ވެޑީއަށް ގެއްލުމެއް ވިޔަނުދީ ރައްކާތެރި ކަމާއެކު ހިމާޔަތްކޮށްދިން ކުއްތާއަށް ގިނަބަޔަކު އަންނަނީ ތަޢުރީފު ކުރަމުންނެވެ. އަދި ކުއްތާއަކީ ޖަނަވާރުތަކުގެ ތެރެއިން އެންމެ އޯގާތެރި އެއް ޖަނަވާރު ކަމަށްވެސް އެއްބަޔަކު ބުނެފައިވެއެވެ. ވެޑީ މިހާރު ހުރީ ސަލާމަތުން އޭނާގެ އާއިލާ ކައިރީގައެވެ. އަދި އޭނާގެ ކުއްތާވެސް ވަނީ ފަހުން އެނބުރި ގެއަށް އައިސްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!