ހއ.އަލިދޫ ރިސޯޓުން އެކި ދުވަސް މަތިން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގި މައްސަލައެއްގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލަ އާއި ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު އިހަވަންދޫ މެޖިސްޓްރޭޓު ކޯޓަށް ހާޒިރު ކުރުމުން އެ މީހުންގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މި މަހުގެ 26 ވަނަ ދުވަހު ހއ.އުތީމުން ހަތަރު ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
އަލިދޫ ރިސޯޓަށް އެކި ދުވަސްމަތިން އަރާ އެ ރިސޯޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.