ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރުގެ ޕާސްޕޯޓު ހިފަހައްޓައިފި

ކުރެއްދޫ އައިލޭންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އިޓަލީއަށްދިޔަ ފަހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ފަތުރުވެރިޔާ ރާއްޖެއިން ފުރައިގެން ދިޔުމުގައި ތުހުމަތުވާ ކަންތައްތަކެއް ހުރުމުން އެ މައްސަލައިގެ ތަހުގީގަށް ކުރެއްދޫގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ޕާސްޕޯޓު ހިފަހައްޓަން ކޯޓު އަމުރެއް ނެރެފިއެވެ.

ކްރިމިނަލް ކޯޓުން އެ އަމުރު ނެރެފައިވަނީ ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައި ވާއިރު، އެކަމުގެ މައުލޫމާތު ހުރި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތުން، އެ ފަތުރުވެރިޔާގެ ގައިގައި ބަލިހުރިކަން ދެނެނުގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުލިބި އޭނާ ފުރައިގެން ގޮސްފައިވުމާއި، އެކަމުގެ ސަބަބުން ކޮވިޑް-19 ވައިރަސް ރާއްޖޭގައި ފެތުރި އިތުރު ފަރާތްތަކުގެ ސިއްހަތަށާއި، ފުރާނައަށް ނުރައްކާ ކުރިމަތިވުމުގައި އިޓަލީގެ ފަތުރުވެރިޔާއާ އެކި ގޮތްގޮތުން މުއާމަލާތް ކުރި ފަރާތްތަކުން އެކަން އަންގަން ޖެހޭ ފަރާތްތަކަށް ނާންގާ، އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާ ކުޑަކޮށް އަމަލުކޮށް އިހުމާލުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

އެ އަމުރު ނެރެފައިވަނީ މި މަހުގެ 23ވަނަ ދުވަހުއެވެ. އަމުރުގައި ބުނެފައިވަނީ ޕާސްޕޯޓު ހިފަހައްޓަން ބޭނުންވަނީ އަންނަ މަހުގެ 22ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ކުރެއްދޫގެ ޑޮކްޓަރު ރާއްޖޭގައި މަޑު ކުރުވަން ބޭނުންވާ ސަބަބެއް ކަމަށް އަމުރުގައި ބުނެފައިވަނީ އެ މައްސަލާގައި ޑޮކްޓަރުގެ މައްޗަށް ތުހުތުތަކެއް ކުރެވޭއިރުގައި، ތަހުގީގު ނުނިމެނީސް އޭނާ ފިލައިގެން ހިނގައިދާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!