ޔޫއޭއީގައި ކޮރޯނާވައިރަސްއަށް ދިވެއްސަކު ޕޮޒިޓިވްވި ކަމަށް އެ ގައުމުން އިއުލާންކުރި ނަމަވެސް، މިހާތަނަށް ލިބިފައިވާ ނަމަކީ ދިވެހިންނަށް ކިޔާ ނަމެއް ނޫން ކަމަށް، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ޔޫއޭއީގެ ރަސްމީ ފަރާތްތަކުން ލިބުނު ނަމަށް ބަލާއިރު އެއީ އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރާ ނަމެއް ކަމަށެވެ. އެ މައުލޫމާތަށް ބައްލަވާފައި އޭނާ ވިދާޅުވި ގޮތުގައި ޔޫއޭއީގައި ދިވެއްސަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވީ ކަމަށް ހީއެއްނުކުރެއްވެ އެވެ.
“މިހާތަނަށް ލިބުނު ރަސްމީ މައުލޫމާތަށް ބަލާއިރު އެމީހުން ދަންނަވާ ނަމަކީ އީސްޓާން ޔޫރަޕިއަންގެ ނަމެއް. އަޅުގަނޑުމެންގެ ހީއަކީ އެއީ ދިވެއްސެއް ނޫނޭ. އެހެން ގައުމެއްގެ މީހެއް ކަމަށް ވަނީ. ނުވަތަ މޯލްޑޯވާ ކަހަލަ ރާއްޖެއާއި ނަން ވައްތަރު ގައުމެއްގެ މީހެއް ކަމަށް ވަނީ. އަދި ރާއްޖޭގައި ރަޖިސްޓްރީ ވެފައި އޮތް ނަމެއް ނޫން އަޅުގަނޑު މެންނަށް ފޮނުވާވަނީ” މަބްރޫކް ވިދާޅުވިއެވެ.
ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ޕްރިވެންޝަން އާ ހަވާލާދީ ހާލީޖް ޓައިމްސް އިން މީގެ ކުރިން ބުނެފައިވަނީ ކޮވިޑް19އަށް ދިވެއްސަކު ޕޮސިޓިވް ވެފައިވާ ކަމަށެވެ.