ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި ދިވެހި މީހާގެ ހާލު ރަނގަޅު ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި ދިވެހި މީހާގެ ހާލު ރަނގަޅު ކަމަށާއި، އޭނާ މިހާރު ވެލިދޫ އައިސޮލޭޝަނަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 16 މީހެކެވެ. އޭގެ ތެރެއިން 14 މީހަކު ތިބީ ރާއްޖޭގަ އެވެ. ހަމަ އެޔާއެކު މިއަދު ސަރުކާރުން ވަނީ ކޮވިޑް-19 އިން ރާއްޖޭގައި އިތުރު ދެ މީހަކު ރަނގަޅުވެއްޖެ އެވެކަމަށް އިއުލާން ކޮށްފައިއެވެ. އެ ނަތީޖާއާއެކު ރަނގަޅުވި މީހުންގެ އަދަދު 11 އަށް އެރީ އެވެ.
އެހެންކަމުން ފަރުވާ މިހާރު ދެމުންދަނީ ތިން މީހަކަށެވެ. އެހެން މީހުން ކޮވިޑް-19 އިން ރަނގަޅުވެފައިވާއިރު އެމީހުން މިހާރު ތިބީ މޮނީޓާ ކުރުމަށް 30 ދުވަހުގެ ކަރަންޓީނުގަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އޮން އެރައިވަލް ވިސާ ދިނުން ވަނީ ހުއްޓާލާފަ އެވެ. އެއާއެކު، ރާއްޖެއަށް ޓޫރިސްޓުން އައުން ވެސް ވަނީ މަޑުޖެހިފަ އެވެ.