އެމެެރިކާގައި ޕޮޒިޓިވްވި މީހުންއެއް ލައްކައަށް ވުރެ މައްޗަށް

އެމެރިކާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުން އެއް ލައްކައަށް ވުރެ މައްޗަށް އަރައިފި އެވެ.

ކޮވިޑް-19 އަށް އެމެރިކާއިން މިހާރު 104،686 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ބަލީގައި އެގައުމުން ޖުމްލަ 1،707 މީހުން ވަނީ މިހާތަނަށް މަރުވެފަ އެވެ.

އެމެރިކާގައި ކޮރޯނާވައިރަސް އެންމެ ހަލުއިކަމާ އެކު ފެތުރެމުން ދަނީ ނިއު ޔޯކުގަ އެވެ. އެ ސިޓީގެ ހެލްތު ސިސްޓަމަށް އޮބިނޯންނަ ވަރަށް ބަލި މީހުން ގިނަވުމުން ހޮސްޕިޓަލުގެ އެނދާއި ވެންޓިލޭޓަރުގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ. ނިއު ޔޯކުން މިހާތަނަށް ވަނީ ގާތްގަނޑަކަށް 44،600 މީހުން ޕޮޒިޓިވްވެފަ އެވެ. ހޮސްޕިޓަލްތަކުގައި 6،500 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އެ ސިޓީން ވަނީ 500 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

ދެވަނައަށް އެންމެ ގިނަ މީހުން އެމެރިކާގައި މަރުވެފައި ވަނީ އެ ގައުމުގެ ވެރިރަށް، ވޮޝިންގްޓަންގަ އެވެ. އެ ސިޓީ އިން މިހާތަނަށް 125 މީހުންވަނީ މަރުވެފަ އެވެ.

އެމެރިކާ މިހާރު އޮތީ މުޅި ދުނިޔޭން އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހުނު ގައުމުގެ ގޮތުގައި، ލިސްޓުގެ އެންމެ ކުރީގައެވެ. ލިސްޓުގެ ދެވަނައިގައި އޮތީ އިޓަލީއެވެ. އެގައުމުން މިހާތަނަށް 86,498 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި މި ލިސްޓުގައި ތިންވަނައިގައި ޗައިނާ އޮތްއިރު، މިހާތަނަށޤ އެގައުމުން ފައްސިވެފައިވަނީ 81,340 މީހުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!