ލޯނު ދެއްކުން 6 މަހަށް ފަސްކޮށްދޭ ނަމަ ކުލި ކުޑަކުރަން ޝަރުތު ކުރަންޖެހޭ: އީސަ

ބޭންކްތަކުން ދޫކޮށްފައިވާ ހައުސިން ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު ފަސް ކޮށްދޭނަމަ، ކުލި އެ މުއްދަތުގައި ކުޑަ ކުރަން ސަރުކާރުން ޝަރުތު ކުރަން ޖެހޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިގްތިސާދު ދަށްވަމުންދާތީ ސަރުކާރުން ބޭންކްތަކާ އެކު މަޝްވަރާ ކުރުމަށް ފަހު ބައެއް ބޭންކްތަކުން މިހާރު ވަނީ އެކި ފަރާތްތަކަށް ދޫކޮޮށްފައި ހުރި ލޯނުތައް އަނބުރާ ދެއްކުން ހަ މަހަށް ފަސްކޮށްދޭން ނިންމައިފަ އެވެ. އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ވެސް ވަނީ ލޯނުތައް ހަ މަހަށް ފަސްކޮށްދޭން ނިންމައިފަ އެވެ.

އެކަމާ ގުޅިގެން މެމްބަރު އީސަ ކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރު މެދުވެރިވެގެން ހައުސިން ލޯނުތައް ދެއްކުން ހަ މަހަށް ފަސްކޮށްދޭ ނަމަ، އެ ތަންތަނުގައި ދިރިއުޅޭ މީހުން ދައްކަން ޖެހޭ ކުލިން އެންމެ މަދުވެގެން 30 ޕަސެންޓް ކުޑަކުރަން ސަރުކާރުން ޝަރުތު ކުރަންވާނެ ކަމަށެވެ. އަދި ސަރުކާރު މެދުވެރިވެގެން މާލީ ލުޔެއް ހޯދައިދޭ ނަމަ، އޭގެ ފައިިދާ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމައަށް ލިބެން ޖެހޭނެ ކަމަށް އެމްޑީޕީގެ މެންބަރު އީސަގެ އެ ޓްވީޓްގައިވެ އެވެ.

މެމްބަރު އީސަ އެގޮތަށް ވިދާޅުވިއިރު، އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދާދިފަހުން ވިދާޅުވެފައި ވަނީ ކުލި ކޮންޓްރޯލް ކުރުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި އެކަމަކު މިދަނޑިވަޅުގައި ކުއްޔަށް ލުއިތަކެއް ހޯދައި ދިނުމާ މެދު ސަރުކާރުން ވިސްނާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ބައެއް ފަރާތްތަކަށް ކުރިމަތިވި މާލީ ދަތިތަކާ ގުޅިގެން، ދިރިއުޅުމަށް ކުއްޔަށް ދޫކުރާ ބައެއް ތަންތަނުން ވަނީ ކުލި ކުޑަކޮށްދީފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ލޯނުތައް ފަސްކޮށް ދިނުމުގެ އިތުރުން ޓެކްސް ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ އިތުރުން ކުރިއަށް އޮތް ދެ މަހު ކަރަންޓް ބިލާއި ފެން ބިލްތަކުގެ ވަކި ޕަސެންޓެއް ވެސް ސަރުކާރުން ދައްކައިދޭން ވަނީ ނިންމައިފަ އެވެ.

  1. އިންޓަރރެސްޓް ކުޑަައެތް ނުވޭ. 6 މަސްދުވަހުގެ އިންޓަރ ރެސްޓްވެސް ކަޑާލީމަދޯ ވާނީ

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!