ބޭރުގައި ތާށިވެފައި ތިބި 50 އަށް ވުރެ ގިނަ ދިވެހިން ރާއްޖެ ގެނެސްފި

ކޮވިޑް-19 އާ ގުޅިގެން ބޭރުގެ ބައެއް ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން 50 އަށް ވުރެ ގިނަ ދިވެހިން ރޭ ރާއްޖެ އަތުވެއްޖެ އެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެެ ތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ބައެއް ގައުމުތައް އެއްކޮށް ބަންދުކޮށް، ކާފިއު އިއުލާން ކުރުން ފަދަ ފިޔަވަޅުތައް އަޅަމުންދާތީ އެ ގައުމުތަކުގައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް ސަރުކާރުން ދަނީ އެހީވަމުންނެވެ. އަދި ނުރައްކާތެރި ހާލަތަކަށް ރާއްޖެ ހިނގައްޖެ ނަމަ، މަސައްކަތް ކުރާނެ އެހީތެރިން ހޯދުމަށްޓަކައި ބައެއް ގައުމުތަކުގައި ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރަން ތިބި ދަރިވަރުންގެ ތެރެއިން އަންނަން ބޭނުންވާ މީހުން ރާއްޖެ ގެނައުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ގާއިމް ކޮށްފައިވާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ގަތަރު އެއާވޭސްގެ ފްލައިޓަކުން މިރޭ ރާއްޖެ އައި މީހުންގެ ތެރެއިން 47 މީހުންނަކީ ފިލިޕީންސްގެ މެނީލާ ތިބި ދިވެހިން ކަމަށެވެ. އަދި ދެން އައި މީހުންގެ މައުލޫމާތުތައް އަދި ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އިން ބޭރުން އަންނަ ދިވެހިން ކަރަންޓީގައި މަޑުކުރަން ޖެހޭތީ މިރޭ ރާއްޖެ އައި ދިވެހިން ވެސް، އޮންނަ އުސޫލުގެ ތެރެއިން 14 ދުވަސް ވަންދެން ކަރަންޓީންގައި މަޑުކުރަން ޖެހޭނެ އެވެ. ކަރަންޓީން ފެސިލިޓީތައް ގާއިމް ކޮށްފައިވަނީ ރިސޯޓްތަކުގަ އެވެ.

ރާއްޖެއިން ބޭރުގައި ތިބި 50 އަށް ވުރެ ގިނަ ދިވެހިން ރާއްޖެ ގެނައިއިރު، މީގެކުރިން ވެސް އެކި ގައުމުތަކުގައި ތިބި މީހުން ރާއްޖެ ވަނީ ގެނެސްފަ އެވެ. އަދި ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވެސް އެއްކޮށް ބަންދު ކޮށްފައި އޮތުމުން އެ ގައުމުތަކުން މީހުން އަދިވެސް ގެނެވޭ ގޮތެއް ނުވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!