އައްޑޫ ސިޓީގެ ވިޔަފާރިތައް ރޭގަނޑު ބަންދު ކުރުމަށް ނިންމި ނިންމުން ބާތިލު ކޮށްފި

ކޮރޯނާވައިރަހުގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫގެ ވިޔަފާރިތައް ރޭގަނޑު ބަންދުކުރަން ކައުންސިލުން ބުދަ ދުވަހު ނިންމި ނިންމުން އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބާތިލުކޮށްފި އެވެ.

އިއްޔެގެ ހަވީރު 6:00 އިން ފެށިގެން އައްޑޫގެ ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓްތައް ނުހުޅުވާ ގޮތަށް ނިންމުމުން ރޭ ތަންތަން ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް ކައުންސިލްގެ މި ނިންމުމާ ގުޅިގެން ވަރަށް ގިނަ ވިޔަފާވެރިންނާއި އާންމުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ރޭގަނޑު ވިޔަފާރިތައް ބަންދުކުރަން ނިންމި ނިންމުން ބާތިލުކުރީ އެކަން އެގޮތަށް ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް އަންގާފައި ނުވާނެ ކަމަށް ރޭ ބުނެފައި ވަނިކޮށެވެ. ނަމަވެސް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގެ ވިޔަފާރިތައް ރޭގަނޑު ބަންދުކުރަން ނިންމީ އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލްއާ މަޝްވަރާކުރުމަށް ފަހު، ކޮވިޑް-19 އަށް ހާއްސަކޮށްގެން އައްޑޫގައި އެކުލަވާލާފައިވާ ޓާސްކް ފޯހާ ވެސް މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް 16 މީހަކު މިހާތަނަށް ރާއްޖޭން ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން އެކަކަކީ ދިވެއްސެކެވެ. ދެން ތިބީ ބިދޭސީންނާއި ޓޫރިސްޓުންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން ނުވަ މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅު ކުރެވިފަ އެވެ. މިހާރު ފަރުވާ ދެމުން ދަނީ ފަސް މީހެކެވެ. އޭގެ ތެރޭގައި ދިވެހި މީހާ ވެސް ހިމެނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!