ކޮވިޑް-19: 3 ރިސޯޓެއްގެ 4 ދިވެއްސަކު ޓެސްޓު ކުރަނީ

ތިން ރިސޯޓަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ހަތަރު ދިވެއްސެއްގެ ސާމްޕަލް ނަގައި، ޓެސްޓު ކުރުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ އިދާރާ އިން ކުރި ޓުވީޓެއްގައި ބުނީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތެއް ފެނިގެން ޓެސްޓް ކުރަނީ ރެޒިޑެންސް މޯލްޑިވްސް ދިގުރަށް ރިސޯޓުގެ ދެ ދިވެއްސަކާއި ތާޖް އެގްޒޯޓިކް ރިސޯޓުގެ އެއް ދިވެއްސަކާއި ފިލިތެޔޮ އައިލެންޑް ރިސޯޓުގެ އެއް ދިވެއްސަކު ކަމަށެވެ. އަދި ފިލިތެޔޮ ރިސޯޓުން ބިދޭސީއެއްގެ ފަރާތުން ވެސް ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަަލާމާތެއް ފެނިގެން ޓެސްޓު ހެދުން ކުރިއަށް ގެންދާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

އެ ހަތަރު މީޙުންގެ ޓެސްޓުގެ ނަތީޖާ ލިބެންދެން މިހާރު އެ މީހުން ތިބީ “ހޯމް އައިސޮލޭޝަން” ގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެ ތިން ރިސޯޓު ވެސް ވަނީ މި ވަގުތަށް ބަންދުކޮށްފަ އެވެ. އެއީ އާންމު އުސޫލުން ޓެސްޓުގެ ނަތީޖާ ލިބެންދެން އަޅާ ފިޔަވަޅެކެވެ.

ހަތަރު ދިވެއްސަކު ކޮވިޑް-19 އަށް ޓެސްޓް ކުރާއިރު، ރާއްޖެ އިން ފުރަތަމަ ފަހަރަށް އިއްޔެ ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ދިވެއްސެއް ފެނިފަ އެވެ. އެއީ އިނގިރޭސި ވިލާތުން މި މަހުގެ 22 ގައި ޜާއްޖެ އައުމުން ހޮލިޑޭ އައިލެންޑް ރިސޯޓުގެ ކަރަންޓީން ފެސިލިޓީގައި ބަހައްޓާފައި ހުރި ދިވެއްސެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އޭނާގެ ފަރާތުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުނީ މި މަހުގެ 25 ގަ އެވެ. އަދި ޓެސްޓް ކުރީ ޖެހިގެން އައި ދުވަސް ކަމަށްވާ މި މަހުގެ 26 ގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!