ކެއުމުގައި މާ ގިނައިން ލޮނު ބޭނުންކުރާ ނަމަ ދިފާޢީ ނިޒާމު ބަލިކަށިވޭ: ދިރާސާ

ކޮންމެ ދުވަހަކު ކެއުމުގައި މާ ގިނައިން ލޮނު ބޭނުންކުރާނަމަ، ދިފާޢީ ނިޒާމު ބަލިކަށިވެ، ބެކްޓީރިއަލް އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ހުރަސްއަޅާ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ. މިއީ ޖަރުމަނުވިލާތުގެ ޔުނިވާސިޓީ ހޮސްޕިޓަލް އޮފް ބޮން ގެ ފަރާތުން ތައްޔާރުކުރި ދިރާސާއެކެވެ.

މި ދިރާސާގައި އެންމެ ފުރަތަމަ ބޭނުންކުރީ މީދަލެވެ. އެގޮތުން، މީދާތަކަށް ވަނީ ގިނައިން ލޮނު އަޅާފައި ހުރި ކާނާ ދީފައެވެ. އަދި ފަހުން ބެލިބެލުމަށް ފެނުނީ އެ މީދާތަކުގެ ހަށިގަނޑުގައި ވަރުގަދަ ބެކްޓީރިއާ އިންފެކްޝަންތަކެއް އުފެދިފައިވަނިކޮށެވެ. އެއާއެކު ދެން ދިރާސާގައި ބައިވެރިކުރީ ވޮލެންޓިއާކުރި މީހުންތަކެކެވެ. އެމީހުންނަށް ވަކި މުއްދަތެއް ވަންދެން ކޮންމެދުވަހަކު 6 ގުރާމު އިތުރަށް ލޮނު އެކުލެވޭ ކާނާ ވަނީ ކާންދީފައެވެ. ނަތިޖާއެއްގެ ގޮތުން، އެމިހުންގެ ދިފާޢީ ނިޒާމު ބަލިކަށިވެ، އުނި ކަންތައްތަކެއް  އުފެދިފައިވާކަމަށް ދިރާސާއިން ދެއްކިއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އިރުޝާދުދީފައި އޮންނަނީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް އެއް ސައިސަމުސާއަށް ވުރެ ގިނައިން ލޮނު ބޭނުން ނުކުރުމަށެވެ. އެހެންނަމަވެސް، ޖަރުމަނުގައި ހެދި ދިރާސާތަކަކުން ވަނީ، ގިނަބަޔަކު އެގޮތަށް އަމަލު ނުކުރާކަން ހާމަވެފައެވެ. އަދި ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައި އޮންނަ ވަރަށްވުރެ އެތައް ގުނައެއް އިތުރަށް ކެއުމުގައި ލޮނު ބޭނުންކުރާ މީހުން ގިނަކަމަށް ވެއެވެ.

ޔުނިވާސިޓީ ހޮސްޕިޓަލް އޮފް ބޮން އިން އާންމުކުރި ދިރާސާއަށް ވިސްނައިގެން، ލޮނު ބޭނުންކުރުން މަދުކުރުމަށް އެމީހުން ނަސޭހަތްތެރިވެއެވެ. ނޫން ނަމަ އަމިއްލަ ސިއްޙަތު ނުރައްކަލަށް ހުށަހެޅިގެން ދާނެކަމަށް އިންޒާރުދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!