ސައުދީގައި ބާޒާރުކުރާ ވަށިގަނޑުތަކަކަށް ކުޅުޖެހި މީހަކަށް މަރުގެ އަދަބު ލިބިދާނެ

ސައުދި އަރަބިއާގެ ޝޮޕިންގ ސެންޓަރެއްގައި ވަށިގަނޑުތަކަށާއި، ދޮރު ތަކަށް ކުޅުޖެހި މީހެއް ހައްޔަރު ކޮށްފިއެވެ. ނަން ހާމަކޮށްފައިނުވާ މި މީހާ އަކީ އެހެން ޤައުމަކަށް ނިސްބަތްވާ މީހެއް ކަމަށްވެއެވެ. އަދި އޭނާވަނީ ކޮވިޑް-19 އަށް ވެސް ފައްސިވެފައެވެ.

ހުން އައިސް، ކެއްސާކަން އެނގިހުރެ އެފަދަ ހަޑިހުތުރު އަމަލެއް ހިންގައި، ގިނަބައެއްގެ ސިއްޙަތު ނުރައްކަލަށް ހުށަހަޅާފައި ވާތީ، އޭނާއަށް ލިބިދާނެ އަދަބުތަކުގެ ތެރޭގައި މަރުގެ އަދަބުވެސް ހިމެނޭ ކަމަށް ސައުދީގެ ކަމާބެހޭ އޮފިޝަލުން ބުނެއެވެ. އަދި ހައްޔަރުކޮށްގެން ހެދި ޓެސްޓުން އޭނާ ކޮވިޑް-19އަށް ފައްސިވެފައިވާތީ، އެ ޝޮޕިންގ ސެންޓަރަށް ދިޔަ އެންމެން އަވަސް ގޮތަކަށް ޓެސްޓު ކުރުމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ.

މިހާރުވެސް އެތަނުގެ ސީސީޓީވީ ފުޓޭޖުތައް ބަލައި، އެމީހާ އިތުރު ތަނަކަށް ކުޅުޖަހާފައި ވޭތޯ ބަލަމުން އަންނަ ކަމަށް އެ ޤައުމުގެ ރަސްމީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް، އެ މީހާ އެ އަމަލު ހިންގި ސަބަބައެއް އަދި އެނގިފައެއް ނުވެއެވެ. އަދި އެކަން ކުރި ވަގުތު ކޮވިޑް-19 ޖެހިފައި ހުރިކަން އޭނާއަށް އެނގޭ ކަމެއް ވެސް ސާފެއް ނޫނެވެ.

މާޗު 27 އާ ހަމައަށް ސައުދި އަރަބިއާގައި ވަނީ ކޮވިޑް-19 ގެ 1000 އަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައެވެ. އަދި އޭގެތެރެއިން ތިން މީހުން ވަނީ މަރުވެފައެވެ. ސައުދީގައި އެ ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން ވަނީ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެތެރޭގައި އެންމެ ފާހަގަ ކޮށްލެވެނީ، އުމްރާގެ އަޅުކަން ވަގުތީ ގޮތުން މެދުކަނޑާލައި، ގެފުޅު ބަންދުކޮށްފައިވާ ކަމެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!