އިންޑިއާގައި ކުއްލި ހާލަތު އިޢުލާނު ކުރުމަށް ގޮވައިލުމުން ރިޝީ ކަޕޫރަށް ފާޑުކިޔުން

ކޮވިޑް-19އާ ގުޅިގެން އިންޑިއާގައި ކުއްލި ހާލަތު އިޢުލާނުކުރަން ވެއްޖެ ކަމަށް ބުނެ ޓްވިޓާގައި ހިޔާލުފާޅުރުމުން، ބޮލީވުޑުގެ ކުރީގެ ފިލްމީ ތަރި ރިޝީ ކަޕޫރަށް އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ. މިހާރުގެ ހާލަތުގެ ގޮތުން އިންޑިއާ ލޮކްޑައުން ކޮށްފައިވުމާއެކު، އެންމެން ގޭގައި ތިބުމަށް އަންގާފައި ވާތީ، އެންމެ ރަނގަޅު ގޮތަކީ ދެން ކުއްލި ހާލަތު އިޢުލާނު ކުރުން ކަމަށް ރިޝީ ވަނީ މާޗު 26 ވަނަ ދުވަހު ކުރި ޓުވީޓުގައި ބުނެފައެވެ.

“ބަލާބަލަ މުޅި ޤައުމުގައި ހިނގަމުންދާ ކަންތައްތަކަށް! ޓީވީން އެ ދައްކާ ވާހަކަތަކަކީ ހަޤީޤަތެއް ކަމަށް ބަލަންޏާ، އާންމުންގެ މީހުން ފުލުހުންނަށާއި ސިއްޙީ ޚިދުމަތްތެރިންނަށް އަނިޔާ ކުރާ މަންޒަރު އެބަ ފެނޭ. ކުއްލި ހާލަތު އިޢުލާނުކޮށްގެން ނޫނީ މިކަންކަން ހަމަޔަކަށް އެޅޭކަށް ނެތް. މުޅި ޤައުމުގައި މިވަނީ ހާސްކަން ފެތުރިފަ” ރިޝީގެ ޓުވީޓުގައި ވެއެވެ. އެއާއެކު، އިންޑިއާގެ ގިނަ ބަޔަކު އަންނަނީ ރީޓުވީޓުކޮށް، ރިޝީއާ ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ.

ރިޝީގެ ޓްވީޓު

އޭގެ ތެރެއިން ގިނަ މީހުން ދެކޭ ގޮތުގައި، އިންޑިއާގައި ކަންތައްތައް ވަމުންދާ ގޮތެއް ރިޝީއަކަށް ނޭނގެއެވެ. އަދި މި ދަނޑިވަޅަކީ އާދައިގެ މީހުންނަށާއި ފަޤީރުންނަށް ކިހާ އުނދަގޫ ދަނޑިވަޅެއްކަންވެސް އޭނާއަށް ނުވިސްނޭ ކަމަށް ބުނެފައިވެއެވެ. އަދި “ޓީވީން ދައްކާ ވާހަކަތަކޭ” ބުނެފައި އޮތުމުން، އޭގެން އެނގެނީ، ރިޝީއަކީ ހަމައެކަނި މީޑިއާއިން ދައްކާ އެއްޗަކަށް ބަރޯސާވާ މީހެއް ކަމަށާއި، ހަޤީޤަތުގައި ކަން ހިނގާ ގޮތް ނޭނގޭ “އަނދިރި” މީހެއް ކަމަށް އެކަކު ބުންޏެވެ.

“ފުލުހުން ނުކުމެ އެއްވެސް އާރެއް ބާރެއް ނެތް އާންމުންގެ މީހުންނަށް އަނިޔާކުރާ ތަނެއް ނުފެނޭތަ؟ އަމިއްލައަށް ބޮޑު ގަނޑުވަރެއްގައި އިނަސް އަދި ނޭނގޭނެ އަހަރެމެން ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުންނަން ޖެހޭކަމެއް. އަދި ބަނޑުހައިހޫނު ކަމަކީ ރިޝީއަށް ތަޖުރިބާކުރެވިފައި އޮތް ކަމެއް ނޫނެއްނު. ކުއްލި ހާލަތު އިޢުލާނު ކުރީމަ މުޅި ޤައުމު ހަލާކުވެގެން ދާތަން ބަލަން ހިނގާ.” ފްރީޑަމްސުތުރާ ގެ ނަމުގައިވާ އެކައުންޓަކުން ލިޔެފައިވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މުޅި ޤައުމު ލޮކްޑައުން ކުރިކަން އިޢުލާނުކުރައްވާފައި ވަނީ މާޗު މަހުގެ 24 ވަނަ ދުވަހެވެ. އަދި މި ލޮކްޑައުން 21 ދުވަހަށް ދެމިގެންދާނެއެވެ. އިންޑިއާގައި މިހާތަނަށް ވަނީ ކޮވިޑް-19 ޖެހިފައިވާ 700 އަށްވުރެ ގިނަ މީހުން ފެނިފައެވެ. އަދި އޭގެ ތެރެއިން 18 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!