އަލިދޫ ރިސޯޓުން ވައްކަން ކުރި ހަތަރު މީހަކު ހައްޔަރުކޮށްފި

ހއ.އަލިދޫ ރިސޯޓުން ވަގަށް ނެގި ތަކެތި ހޯދައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އަލިދޫ ރިސޯޓަކަށް އެކި ދުވަސްފަތިން އަރާ އެ ރިސޯޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގަފައިވާ ކަމުގެ މައްސަލައެއް މިމަހު 24 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހއ. އުތީމުގެ ބައެއް ގެތައް ބަލާފާސްކޮށްފައި ވާ ކަމަށެވެ. އެގޮތުން ޖުމްލަ 9 ގެ ބަލާފާސްކުރުމަށް ފަހު ގިނަ އަދަދެއްގެ ތަކެތި ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ޖުމްލަ 4 ދިވެހި ފިރިހެނުން ވަނީ ހައްޔަރު ކޮށްފައެވެ. އެއީ އުމުރުން 35 އަހަރާއި، 34 އަހަރާއި، 33 އަހަރު އަދި 30 އަހަރުގެ ދިވެހިން ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ، ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ބަންދުގައި ބޭއްތިއްބުމަށް 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!