ސަރުކާރުން ނިއުޕޯޓްގައި ތަޅު އަޅުވައިފި

ނިއު ޕޯޓް ވިއު ހިންގި އިމާރާތަށް ޕްލޭނިން މިނިސްޓްރީން ވަދެ، އެތަން އިއްޔެ ބަންދުކޮށްފި އެވެ.

ނިއު ޕޯޓް ވިއު ހިންގި ބިމުގެ ކުލީގެ މައްސަލައިގައި ސަރުކާރުން މިދިޔަ އަހަރު ވަނީ އެ ތަނުގެ އެއްބަސްވުން ބާތިލްކޮށްފަ އެވެ. އަދި ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދެއްކުމަށާއި އެ ތަން ސަރުކާރާ ހަވާލުކުރަން މިދިޔަ އަހަރު ސިވިލް ކޯޓުން ވެސް ވަނީ ހުކުމްކޮށްފަ އެވެ. އެކަމަކު އެ މައްސަލަ ނިއު ޕޯޓް ހިންގާ ސްޓްރާޑާ ކުންފުނިން މިހާރު އޮތީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ޕްލޭނިން މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަދެ، ނިއު ޕޯޓުގައި ތަޅު އެޅުވި މައްސަލައިގައި، ސްޓްރާޑާ ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ އިސްތިއުނާފް މަރުހަލާގައި އެ މައްސަލަ އޮއްވައި އެ ކަމަށް ބެލުމެއް ނެތިި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ބެލުމުގެ ދަށުން 10 ވަރަކަށް މީހުން ނިއު ޕޯޓަށް ވަދެގަނެފައިވާ ކަމަށެވެ. އަދި ތަޅު ހަލާކު ކޮށްލައިގެން އެ ތަނަށް ވަދެ، ފޮޓޯ ނަގައި، ތަނުގައި ފިލާ ޖެހުމަށް ފަހު މިހާރު ބަންދު ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ އެތަނަށް އެ މީހުން ވަނީ ފުލުހުންގެ ހާޒިރުގައި ކަމަށާއި އެކަމަކު އެތަނަށް ވަނުމުގެ އެއްވެސް ކޯޓު އަމުރެއް ނެތް ކަމަށާއި އަދި އެތަނަށް ވަންނާނެ ކަން ސަރުކާރުގެ އިދާރާއަކުން ވެސް އެ ކުންފުނިންޏަށް ކުރިން އަންގާފައި ނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ސަރުކާރު ބަންދު ކޮށްފައިވާ ދުވަސްވަރެއްގައި ކުލަ ހެދުމުގައި ތިބި ބަޔަކު އެގޮތަށް އަމަލުކުރި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ސްޓްރާޑާ ކުންފުނިން ބުނީ، ކޮވިޑް-19 އާ ގުޅިގެން ގައުމު ނާޒުކު ފައްތަރެއްގައި އޮތް މި ދަނޑިވަޅުގައި، ސަރުކާރުގެ މުވައްޒަފުން ނެރެގެން އެ ގޮތަށް އަމަލުކުރީ އިންސާފުގެ ބޭރުން އެ ކުންފުންޏަށް މެސެޖެއް ދިނުމުގެ ނިޔަތުގައި ކަމަށެވެ. އަދި އެ ތަން ބަންދުކުރި މައްސަލަ ފުލުހުންގެ އިތުރުން ހައި ކޯޓުގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށާއި އެ ތަނުގައި ހުރި އެ ކުންފުނީގެ ތަކެއްޗަށް ލިބޭ ގެއްލުމަށް ދައުލަތުން ޒިންމާވާން ޖެހޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.


Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!