ރާއްޖެއަށް މުދާ އެތެރެކުރުމަށް، ހަތަރު ގައުމަކަށް މޯލްޑިވިއަނުން ކާގޯ ފްލައިޓްތަކެއް ބާއްވަން ނިންމައިފި އެވެ.
މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހެދި، ރާއްޖެ އަށް ފްލައިޓްތައް އައުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެހެންވެ، މުދާ ގެނައުމުގައި ވިޔަފާރިވެރިންނަށް ދައްޗެއް ފޯރިޔަ ނުދިނުމަށް މޯލްޑިވިއަނުން ކާގޯ ފްލައިޓްތަކެއް މި ބާއްވަނީ އަަލަށެވެ.
އެ އެއާލައިނުން ބުނި ގޮތުގައި މުދާ ގެންނަން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ސްރީ ލަންކާގެ ކޮލަމްބޯ އާއި އިންޑިއާގެ ޓްރިވެންޑްރަމް އާއި ޗެންނާއީ އާއި ތައިލެންޑް އަދި ދުބާއީ އަށެވެ. އެތަނުން ބުނިގޮތުގައި ޑިމާންޑް އޮތް ވަރަކަށް އިތުރު ގައުމުތަކަށް ވެސް ދަތުރުކުރާނެ އެވެ.
ކޮވިޑް-19 ފެތުރޭތީ ސަރުކާރުން އަޅަމުން އަަންނަ ފިޔަވަޅުތަކާ ބެހޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖެ އަށް ދަތުރުތައް ހުއްޓާލާފައި އޮންނަ މުއްދަތުގެ ތެރޭގައި އެކި ގައުމުތަކުން ވައިގެ މަގުން ގެންނަންޖެހޭ މުދާ ގެންނާނެ ގޮތްތަކެއް ހަމަ ޖައްސަވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ކާގޯ ޗާޓަރު ފްލައިޓްތަކެއް ބާއްވަން ސަރުކާރުން ވިސްނާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކާގޯ ފްލައިޓްތައް ބާއްވާނީ ރާއްޖެ އަށް މުދާ ބޭނުންވަނީ ކިހާ ވަރެއްތޯ ބެލުމަށް ފަހު އެވެ.