ކުޑައިރުގެ ހަނދާންތައް އާކޮށްލުމަށް މީތި ކިޔާބަލަ!

ޅަދުވަސްވަރަކީ ކިހާ އުފާވެރި، ހިތްހަމަޖެހޭ ދުވަސްވަރެއްކަން އިޙްސާސް ވަނީ މީހާ ބޮޑުވެ، ޒިންމާތައް ބޮލުގައި އެޅޭ އުމުރަށް ދިޔުމުންނެވެ. އެހެންނަމަވެސް، ޅަދުވަހަކީ ކިތަންމެ ބޭނުންވިޔަސް އަނބުރާ ލިބޭނެ ދުވަސްތަކެއް ނޫނެވެ. އެންމެ ބޮޑުވަރަކަށް ކުރެވެން އޮންނަ ކަމަކީ، ކުޑައިރުގެ މާޒީ ހަނދާންކޮށްލައިގެން ހިތްހަމަޖައްސައިލުމެވެ.

ކުޑައިރުގައި އެކި މީހުންނަށް ދިމާވެފައި ހުންނާނީ އެކި ކަހަލަ ކަންކަމެވެ. ނަމަވެސް ތަފާތެއް ނުވާ ކަމަކީ، އެންމެންވެސް މަޖަލާއި ސަކަރާތުގައި އުޅުނު ކަމެވެ. އަދި އޭރު އެކުގައި އުޅުނު ރައްޓެހި ގްރޫޕާ އެކީ ކޮށްފައި ހުރި ކޮންމެވެސް އެއް ކަމެއް، ދުވަހަކުވެސް ހަނދާނުން ނުފިލާނެހާ ޙާއްސަ ވާނެއެވެ. ބައެއް މީހުންނަށް އެކަހަލަ ހަނދާންތަކުގެ ބޮޑު ލިސްޓެއް ހަދައިލެވޭހާ ގިނަވާނެއެވެ.

މާޒީގެ ހަނދާން އައުކޮށްލުމަށް، ގިނަ މީހުންނަށް ކުޑައިރު ތަޖުރިބާ ކުރެވިފައި ހުންނާނެ ކަހަލަ ކަންތައްތަކެއް ކިޔައިލަދޭނަމެވެ. ގްރޫޕު ހަދާފައި މޫދަށް ގޮސް، ކޮންމެވެސް އެކަކަށް ފަތަން ދަސްކޮށްދޭން އުޅުމުގެ ތެރޭގައި މަޖާ ކަމެއް ހިނގި ހެއްޔެވެ؟ ނުވަތަ ރަށުގައި އުޅުނު އިރު، އެންމެން އެކީގައި ކޮންމެވެސް ގެއެއްގެ ގަހަކުން ވަގަށް ފޭރު ބިންނަން އުޅުނިން ހެއްޔެވެ؟ އެއްގޮތަކަށް ވެސް ވައްކަމަކީ ރަނގަޅު ކަމެކޭ ނޫނެވެ. އެހެންނަމަވެސް އެއީ ނުވިސްނޭ އިރުގައި މަޖަލަކަށް ހަދާފައި ކޮށް އުޅުނު ކަންކަމެވެ.

ގަހަކަށް އަރައި އުޅެނިކޮށް ވެއްޓުނު ގޮތަށް ތަނެއް ކަނޑައިގެން ގޮސް، ގައިގެ ކޮންމެވެސް ތަނެއްގައި ލަކުނެއް ލީ ގޮތަށް އަދި އަދަށްވެސް އެ ލަކުނު ފެންނަން ހުރި މީހުން ވަރަށް ގިނަވާނެއެވެ. ގަހެއް ނޫނަސް، ކޮންމެވެސް އެއްޗެއް ކުޅެން އުޅުމުގެ ތެރޭގައި އަނިޔާއެއް ލިބިފައި ހުންނާނެކަން ޔަޤީނެވެ.

އެންމެން އާންމު އެއް ހަނދާނަކަށް ވާނީ، ވާރެޔާ ތެމެން ނުކުމެ އުޅުނު ހަނދާންކަން ޔަޤީނެވެ. އެގޮތުން، ރައްޓެހި އެންމެން ނުކުމެ، ވަރަށް ސަކަރާތް ޖަހައިލެވިފައި ހުންނާނެވެ. ހަމައެއާއެކު، ވިއްސާރަ ހުއްޓައިލުމާއެކީ ހީކަރުވައިގަނެގެން ތުރުތުރު އަޅަމުން ގެއަށް ދިޔަ ހަނދާން އެބަހުރި ހެއްޔެވެ؟ ގިނަފަހަރަށް މިގޮތަށް ގެއަށް ދާއިރު އޮންނާނީ މަންމަގެ ހަޅޭކުގެ އަޑު އަހަންޖެހިފައެވެ.

ރޯދަ މަހެއް އައިއްސިއްޔާ ޖަހާ ސަކަރާތް ދެގުނަ ވެއެވެ. ރޯދަ މަހަކީ އަޅުކަމަށް ޚާއްސަ މަހަކަށް ވިޔަސް، ކުޑައިރުގައި އޮންނާނީ ނަމާދު ކޮށްލާ ގޮތަށް ނުކުމެ، އެންމެން އެއްތަން ވެގެން ކޮންމެވެސް މޮޅު ކުޅިވަރެއް ކުޅުމެވެ. އަދި ރޯދަ ވީއްލާ ގަޑީގައި އެއް ގެއިން އަނެއް ގެއިން ކޮންމެވެސް މީރު ކާއެއްޗެއް ހިފައިގެން އައިސް އެންމެން އެއްތަނެއްގައި ތިބެގެން ކެއުން ވެސް އޮންނާނެއެވެ. ތަރަވީސް ގަޑީގައި މި ފޯރި އަދި މާ ގަދަވާނެއެވެ. ހަމައެހެންމެ، ތަރާވީސް ނަމާދަށް އެންމެން ގްރޫޕު ހަދައިގެން ގޮސްފައި، ވަކި ރަކުއަތަކާ ހިސާބުން ފައި ވާޅުވެގެން، ނަމާދު އެއްކޮށް ނުނިމެނީސް މިސްކިތުން ނުކުންނަ ހަނދާންވޭ ހެއްޔެވެ؟ އެހެންނަމަވެސް، ޖެހިގެން އަންނަ ރޭ ވެސް ހަމަ އެ ގްރޫޕު މިސްކިތަށް ދާނެއެވެ.

ހަވީރު ގަޑީގައި އާންމުކޮށް ކުޅެ އުޅުނު ކުޅިވަރުގެ ތެރޭގައި ބަށި، މުގޯލި، ކޮރާ ކުޅުން، ފަސްއޮށް ކުޅުން އަދި ހިރި ހިމެނެއެވެ. މިގޮތަށް ނަން ކިޔައިލެވޭނެ އަދި ބައިވަރު ކުޅިވަރުތައް ހުންނާނެކަން ޔަޤީނެވެ. އަދި ބައެއް ރޭރޭ ހޭލާ ތިބެގެން ތާސްބައި ކުޅުންވެސް އޮންނާނެއެވެ. ނުވަތަ އަނދިރި ގަނޑުގައި ލޯބަނދެގެން ކުޅޭ ކުޅިވަރުވެސް އޮންނަ ރޭރޭ މަދެއް ނުވާނެއެވެ. ކުޅިވަރު ހުއްޓައިލަން ޖެހޭނީ ދެތިން ކުއްޖެއްގެ މަންމަ އެކުދިން ހޯދަން އައިސް، ގެއަށް ގެންދާ ހިސާބުންނެވެ.

މި ބުނެވުނު ކަންތައްތަކުން އެންމެ ފާހަގަ ކޮށްލެވެނީ، އެކަންކަން ކޮށްއުޅެން ވަކި ޖިންސެއް ނޯންނަކަމެވެ. ފިރިހެންކުދިންނާ އެއްވަރަށް އަންހެންކުދިން ވެސް ކުޑައިރު އުޅޭނީ އެހާ ސަކަރާތް ބޮޑުކޮށެވެ. އިންސްޓަގުރާމު ތަޢާރަފު މިވީ އަދި އޭގެ މާ ފަހުންނެވެ. މިހާރު ގިނަ ކުދިން ކިރިޔާ ފުރާވަރަށް އެޅުމުން ބަލަނީ އިންސްޓަގުރާމު އެކައުންޓަށް މޮޅު ފޮޓޯއެއް ލެވޭތޯއެވެ.

ޙަޤީޤަތަކީ، ސްމާޓުފޯނާއި، އައިޕެޑާއި، ޓެބްލެޓުތައް ތަޢާރަފު ވުމުގެ ކުރިން އަހަރެމެންގެ ދިރިއުޅުން މާ އުފާވެރި ކަމެވެ. އޭރުގައި އަހަރެމެންނަށް ކުރެވުނު ކަހަލަ މަޖާ ތަޖުރިބާތައް، މިހާރުގެ ޖީލުގެ ގިނަ ކުދިންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ނުލިބޭކަމީ، ހިތާމަ ހުރި ކަމެކެވެ.  އެހެންނަމަވެސް އެވާހަކަ ބާއްވާފައި، ކުޑައިރުގެ ފޮނި ހަނދާނެއް ހިއްސާކޮށްލަބަލާށެވެ!

  1. އަހަރެމެން ގުރޫޕް ހަދައިގެން ކުރާ އެންމެ މަޖާ ކަމަކީ ޖޭމް ގަހައް އަރާ ޖޭމް ބިނުމާ ކުންނާރު ގަސް ތަޅުވާ އެއަން ވެރޭ ދޮން ކުނާރު ހޮވައިގެން މަޖާ މޯޑެ މޫދައް ދިއުން މޫދައް ދާއިރު ވާ އެންމެ މަޖާ ކަމަކީ މުދައް އެރޭނީ މަންމަމެންނާ ވަގައް މުޑާޢް އެރުން އަދި މޫދައް އެރިފަ ގެއައް ދާ ބޮޑިގަ އެންމެ މަޖާ ވަނީ…………………………

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!