ފާހަނާ ތަށްޓެއްގައި ދޫލި ޓިކްޓޮކާ އެއް ކޮވިޑް-19 އަށް ފައްސިވެއްޖެ

މީގެ ދުވަސްކޮޅެއް ކުރިން މީސްމީޑިއާގައި ވައިގައި ހިފި “ކޮރޯނާވައިރަސް ޗެލެންޖު” ގައި ބައިވެރިވި ޓިކްޓޮކާއެއް އެ ބައްޔަށް ފައްސިވެއްޖެ ކަމަށް އޭނާ ހިއްސާކޮށްފިއެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި، ލާޒް ނަމަކަށް ކިޔާ 21 އަހަރުގެ ޒުވާން ފިރިހެން މީހާ އެކަން އިޢުލާނު ކޮށްފައިވަނީ ޓްވިޓާގައެވެ. އަދި އިންސްޓަގުރާމުގައި، ހޮސްޕިޓަލެއްގެ އެނދުމަތީގައި އޮވެގެން ކޮށްފައިވާ ވީޑިއޯއެއްވެސް ހިއްސާކޮށްފައިވެއެވެ.

ލާޒް މި ހަބަރު އޭނާގެ ފޮލޯވަރުންނާ ހިއްސާކޮށްފައި މިވަނީ، އޭނާ “ކޮރޯނާވައިރަސް ޗެލެންޖު” ނަމަކަށް ކިޔާ އެއްޗެއްގައި ބައިވެރިވެ، ފާހަނާ ތަށްޓެއްގައި ދޫލަނިކޮށް ކޮށްފައިވާ ވީޑިއޯއެއް ހިއްސާކުރިތާ މާގިނަ ދުވަސް ނުވަނީސް ކަމަށް ރިޕޯޓުތައް ބުނެއެވެ.

“ކޮރޯނާވައިރަސް ޗެލެންޖް”އަކީ އޭވާ ލުއީސް ނަމަކަށް ކިޔާ އިންސްޓަގުރާމު އިންފުލެންސާއެއް ފެށި އާދަޔާޚިލާފު އެއްޗެކެވެ. އެ ޗެލެންޖުގައި ކުރަން ޖެހޭ ކަމަކީ ފާހަނާ ތަށްޓެއްގައި ދޫލާތަން ވީޑިއޯ ކޮށްފައި މީސްމީޑިއާއަށް ހިއްސާކުރުމެވެ. އެގޮތުން އޭވާ އެންމެ ފުރަތަމަ އެ ވީޑިއޯ ހިއްސާކުރުމުން ގިނަބަޔަކު ފާޑުކިޔައި، މަލާމާތްކުރަމުން ދިޔުމުން، އޭނާ ފަހުން ބުނެފައިވަނީ އެއީ މީހުންގެ ސަމާލުކަން ހޯދަން ކުރި ކަމެއް ކަމަށެވެ.

ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ، މިއީ ކިހާ މުޑުދާރު ކަމެއް ކަމުގައި ވިޔަސް، މަދުން ނަމަވެސް މީހުން މިކަމުގައި ބައިވެރިވެފައި ވާކަމެވެ. އެގޮތުން ލާޒް އަކީ އޭގެން އެކެކެވެ. އޭނާގެ އިތުރުންވެސް ބަޔަކު ވަނީ އޭގައި ބައިވެރިވެ، މީސްމީޑިއާއަށ ވީޑިއޯ ލައިފައެވެ. އެއާއެކު ގިނަބަޔަކު ވަނީ އެމީހުންނަށް ފާޑުކިޔައި، ބޯހަމަނުޖެހޭ ބައެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!