މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯ

ޕްރިންސް ޗާލްސްއަށް ކޮރޯނާވައިރަސް ޖެހިވަޑައިގަތީ ކަނިކާ ކަޕޫރުގެ ފަރާތުން؟

އިންޑިއާގެ ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރު ދާދި ފަހުން ކޮވިޑް-19އަށް ފައްސިވިކަން އިޢުލާނު ކުރުމާއެކު، އޭނާއަށް އަންނަނީ ފާޑުކިޔުންތަކާ ކުރިމަތިވަމުންނެވެ. ސަބަބަކީ، އޭނާ ލަންޑަނުގައި އުޅުމަށްފަހު އެނބުރި އިންޑިއާއަށް އައިސް، އެކަހެރިވެ ހުރުމުގެ ބަދަލުގައި އާންމު ތަންތަނަށް އެއްވެ އުޅުމުންނެވެ.

އެގޮތުން އޭނާ ވަނީ ލަންޑަނުން އައިތާ މާ ގިނަ ދުވަހެއް ނުވަނީސް ގިނަބަޔަކަށް ދަޢުވަތުދީ ޕާޓީއެއް ބާއްވައިފައެވެ. އެއާއެކު، އޭނާ ވަނީ އެތައް ބައެއްގެ ސިއްޙަތު ނުރައްކަލުގެ ތެރެއަށް ލައިފައި ކަމަށްބުނެ، ގިނަބަޔަކު އައީ ފާޑުކިޔަމުންނެވެ.

އެހެންނަމަވެސް މިފަހަރު އޭނާ ނޫސްތަކުގެ ސުރުހީއަށް އަރައިގެން މިއުޅެނީ، އިއްޔެ ކޮރޯނާވައިރަހަށް ފައްސިވި ކަމަށް އިޢުލާނުކޮށްފައިވާ އިނގިރޭސިވިލާތުގެ ވަލީ އަޙުދު، ޕްރިންސް ޗާލްސްއާ އެކީ ނަގާފައިވާ ފޮޓޯއެއް މީޑިއާއަށް ތިލަވުމާއެކުއެވެ. އެއާއެކު ޓްވިޓާގައި މީހުން އަންނަނީ އެ ފޮޓޯ ޝެއާކޮށް، ޕްރިންސް ޗާލްސްއަށް ކޮރޯނާވައިރަސް “ޖައްސާފައި” ވަނީ ކަނިކާ ކަމަށް ބުނަމުންނެވެ. ނަމަވެސް މިކަމުގެ ޙަޤީޤަތެއް އެއްވެސް އިތުބާރުހުރި ފަރާތަކުން މިހާތަނަށް ޔަޤީންކޮށްދީފައެއް ނުވެއެވެ. އެހެންކަމުން ޓްވިޓާގައި ދައުރުވަމުންދާ ވާހަކައިގައި ހުރި ބުރަދަނެއް އަދި އެނގިފައެއް ނުވެއެވެ.

ކަނިކާ ކަޕޫރަކީ ބޮލީވުޑުގެ ފިލްމުތަކަށް ލަވަ ކިޔައިދޭ ފަންނާނެކެވެ. އެގޮތުން އޭނާގެ އެންމެ މަޤުބޫލު ލަވަތަކުގެ ތެރޭގައި “ބޭބީ ޑޯލް” އާއި “ޗިޓިޔަ ކަލައްޔާވޭ” ހިމެނެއެވެ.

  1. ޕްރިންސް އަލްބަރޓް އޮފް މޮނާކޯ ވެސް ވަނީ ޕޮޒިޓިވްވެފައި. އޭނާ ޕްރިންސް ޗާލްސް އާއި ބައްދަލު ކުރި، ޕޮޒިޓިވްތޯ ބަލަން ޓެސްޓް ހެދުމުގެ 1 ހަފްތާ ވަރު ކުރިން. އެހެންވީމާ، އޭނަގެ ފަރާތުން ކަމަށްވެސް ވެދާނެ، ޗާލްސް އަށް ލިބުނީ.

    0
    0

ތާނަ ލެޓިން އިން ލިޔުއްވާ!