ޗާރޓާކޮށްގެން ދިވެހިން ގެނައުމަށް ހުއްދަ ދިނުން މެދުކަނޑާލައިފި

ރާއްޖޭން ބޭރުގައި ތިބި ދިވެހިން ގެންނަން ވަކިވަކި ފަރާތްތަކަށް ޗާޓަރު ފްލައިޓްތައް ބާއްވަން ހުއްދަ ދިނުން ސަރުކާރުން މެދުކަނޑާލައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިރޭ ބަޔާން ނެރުނު އިރު، ސްރީ ލަންކާގައި ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިން ގެންނަން ޗާޓަރު ފްލައިޓެއް ބާއްވަން އިނަ މޯލްޑިވްސް ނިންމައި، އެކަމުގެ ހުއްދައަށް ސަރުކާރުގައި ވަނީ އެދިފަ އެވެ.

ޓްރާންސްޕޯޓުން ނެރުނު ނޫސް ބަޔާނުގައި ބުނީ ރޯގާއާ ގުޅިގެން ރާއްޖެ އަންނަން ބޭނުންވާ ހުރިހާ ދިވެހިން، ކަނޑައަޅާ އުސޫލެއްގެ ތެރެއިން ކަރަންޓީން ކުރުމަށް ހަމަޖެހިފައިވާތީ، އެ މީހުން ގެންނަން ޖެހޭ ހާލަތެއްގައި އެކަން ކުރާނީ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ކަމަށެވެ. އެހެންވެ، ވަކިވަކި ފަރާތްތައް ފްލައިޓްތައް ޗާޓަރުކޮށްގެން އެ މީހުން ގެނައުމަށް ހުއްދަ ދިނުން މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށް އެތަނުން ބުންޏެވެ.

ރާއްޖޭން ބޭރުން އަންނަ ހުރިހާ ދިވެހިން ސަރުކާރުން މިހާރު އަންނަނީ ކަރަންޓީން ފެސިލިޓީތަކުގައި 14 ދުވަސްވާންދެން އެކަހެރި ކުރަމުންނެވެ. އެ މީހުންގެ ހުރުމާއި ކެއިންބުއިމުގެ ހުރިހާ ކަމެއް ބަލަހައްޓަނީ ސަރުކާރުންނެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ހަލުއި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު، އެނބުރި ގައުމަށް އަންނަން ބޭނުންވާ ދިވެހިން ގިނަ އެވެ. އެގޮތުން ލަންކާގައި ވެސް ރޯގާގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އެ ގައުމުގައި ކާފިއު އިއުލާންކޮށް، ވައިގެ ދަތުރުފަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ. އެގޮތަށް ނިންމިއިރު، ގިނަ އަދަދެއްގެ ދިވެހިންތަކެއް ލަންކާ އިން ރާއްޖެ ނާދެވި ވަނީ ތާށިވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!