ވިޔަފާރިކުރާ ގަޑިތަށް ބަދަލުކުރީ މާލޭގައި އެކަނި: އެޗްޕީއޭ

އަތޮޅުތެރޭގައި ވިޔަފާރިކުރާ ގަޑިތަކަށް ބަދަލު ގެންނަން އަންގާފައި ނުވާނެ ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

އެޗްޕީއޭ އިން މިހެން ބުނީ އައްޑޫ ސިޓީގެ ކެފޭ ރެސްޓޯރަންޓުތަކާއި ފިހާރަތައް ހިންގާ އުސޫލާއި ގަޑިތަކަށް ބަދަލު ގެނެސް އެއީ އެޗްޕީއޭގެ މަޝްވަރާގެ މަތިން ނިންމާފައިވާ ނިންމުމެއް ކަމަށް، އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެފައި ވަނިކޮށެވެ.

އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނީ މާލޭ ސަރަހައްދު ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓްތަކުގެ ހިދުމަތްތައް ދިނުން ހުއްޓައިލަން އަދި އެއްވެސް ސަރަހައްދެއްގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެންނަން އެއްވެސް ލޯކަލް ކައުންސިލަކަށް އަންގާ ނުވަތަ އިރުޝާދު ދީފައި ވެސް ނުވާނެ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ފިޔަފާރިތައް ބަންދުކުރުމަށް އަންގައިފަ އެވެ. އެގޮތުން ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުގެ އިތުރަށް، ޑެލިވަރީ ހިދުމަތް ވެސް އެ ގަޑީގައި މެދުކަނޑާލުމަށް އައްޑޫ ކައުންސިލުން ވަނީ އަންގައިފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައިވާ ގޮތުން، ވިޔަފާރިކުރުން މަނާކޮށް ކައުންސިލުން ކަނޑައެޅި ގަޑިތައް ފިޔަވައި އެހެން ވަގުތުތަކުގައި ހިދުމަތްދޭން ބޭނުންވާ ނަމަ ހާއްސަ ހުއްދައެއް ހޯދަން ޖެހޭނެ އެވެ.

މީގެ އިތުރަށް ގާޑިޔަތަކުގެ ހިދުމަތް ދެވޭނީ ވެސް އަތްދޮވުމުގެ އިންތިޒާމްތަައް ހަމަޖައްސައިގެން ކަމަށާއި ވިއްކޭނީ ވެސް ވަކި ހާއްސަ ގޮތަކަށް ޕެކްކޮށްފައިވާ ތަކެތި ކަމަށް ކައުންސިލުން ވަނީ އަންގައިފަ އެވެ.

މިކަންކަމާ ހިލާފުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ އަންގައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!