ރޭގަނޑު ފުރާ ފްލައިޓަކުން ފުރުން ނޫން ކަމެއްގައި އައްޑޫ ގަމަށް އާންމުން އެރުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.
ގަން އިންޓަނެޝަނަލް އެއާޕޯޓް ހިންގާ ކުންފުނި އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޮރޯނާވައިރަހުން ރައްކާތެރިކަން ހޯދަން އެޅި ފިޔަޅެއްގެ ގޮތުން، ގަމަށް މިއަދުން ފެށިގެން އާންމުކޮށް އެރޭނީ ހެނދުނު 6:00 އާއި އިރުއޮއްސި 6:00 އާ ދޭތެރޭ ކަމަށެވެ.
“އަދި މިއާއެކު ރޭގަނޑު ފުރުމަށް ފްލައިޓް ޝެޑިއުލްކުރެވިފައިވާ ނަމަ ޗެކިން ފެށުމުގެ 30 މިނިޓް ކުރިން [ގަން] ހުޅުވުމަށް ފަހު ފްލައިޓް ފުރާތާ 30 މިނިޓް ފަހުން [ރަށް] ބަންދުކުރެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.” އޭއައިއޭގެ ބަޔާނުގައި ބުންޏެވެ.
ގަމަކީ ފޭދުއާ ކޯޒްވޭއަކުން ގުޅާލާފައި އޮންނަ ރަށެކެވެ. އަދި އެ ރަށަކީ އައްޑޫގެ ވަރަށް ގިނަ މީހުން ވަޒީފާ އަދާކުރާ ތަނެކެވެ.
އެގޮތުން އެއާޕޯޓާއި އެމްއެންޑީއެފް ސަދަން އޭރިއާ އާއި ފުލުހުންގެ މަރުކަޒާއި ކަސްޓަމްސް އާއި އެސްޓީއޯ އާއި ފްލައިން ސްކޫލްގެ އިތުރުން ގަމުގައި އީކުއޭޓަ ވިލެޖްގެ ނަމުގައި ހިންގާ ގެސްޓްހައުސްގައި އައްޑޫގެ އަވަށްތަކުގެ ގިނަ ބަޔަކު ވަޒީފާ އަދާކުރެ އެވެ. އަދި ގަމުގައި އަމިއްލަ މީހުން ހިންގާ ފިހާރަތަކެއްގެ އިތުރުން އެއާޕޯޓްގެ ރެސްޓޯރަންޓަކީ ވެސް ގިނަ ބަޔަކު ހިދުމަތް ހޯދަންދާ ތަނެކެވެ.
ގަމަކީ މި ވަގުތު ކޮރޯނާވައިރަހާ ގުޅިގެން އައްޑޫން މީހަކު ކަރަންޓީނުކުރަން ޖެހޭ ފަދަ ހާލަތެއް އަތުވެއްޖެ ނަމަ ކަރަންޓީނު ފެސިލިޓީ ވެސް ގާއިމުކޮށްފައިވާ ރަށެވެ. އެއީ ކުރީގެ ދޫގަހުގަ އެވެ. ގަމަކީ އޭއައިއޭގެ ބެލުމުގެ ދަށުގައި އޮންނަ ރަށެކެވެ.
ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވްވެފައި ވެ އެވެ.