ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.
އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު އަލީ މިރޭ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ އެ ބައްޔަށް ޕޮޒިޓިވް މީހެއް ޑަބަލް ނެގެޓިވްވެފައިވާ ކަމަށެވެ.
އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޮވިޑް-19 ބަލިން ތިން މީހަކު ރަނގަޅުވެފައިވާކަން ހާމަ ކުރައްވާފަ އެވެ.
އޭގެ ކުރިން ފަސް މީހަކު ބަލިން ރަނގަޅުވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީއިން ހާމަކޮށްފައިވެ އެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދު ނުވައަކަށް އެރީ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.
މި ބައްޔަށް ޕޮޒިޓިވް މީހެއް ރާއްޖެއިން ނުފެންނަތާ މިހާރު ވަނީ ހަފުތާއަކަށްވުރެ ގިނަ ދުވަސްވެފަ އެވެ.