ވިޔަފާރިތައް ބަންދުކުރަން ނިންމީ މަޝްވަރާ ކުރުމަށް ފަހު: ސޯބެ

ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް ރޭގަނޑު ހުޅުވުން މަނާކުރަން ނިންމީ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު ވިދާޅުވެއްޖެއެވެ.

ސޯބެ ވިދާޅުވީ އައްޑޫގެ ވިޔަފާރިކުރާ ތަންތަން ހަވީރު 6:00 އިން ބަންދުކުރަން ނިންމީ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސް އާއި މަޝްވަރާކުރުމަށްފަހު އައްޑޫ ކޮވިޑް-19 ޓާސްކްފޯހުން އެގޮތަށް ނިންމުމުން ކަމަށެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކައުންސިލުން ގަވާއިދުން ފިޔަވަޅު އަޅާނެ ކަމަށްވެސް ސޯބެ ވިދާޅުވިއެވެ.

ސޯބެ މިހެން ވިދާޅުވެފައިމިވަނީ ކައުންސިލުން އެ ނިންމުން ނިންމާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މަޝްވަރާނުކޮށް ކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް މިއަދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮވިޑް-19 އާއި ގުޅިގެން މިރޭ ރޭގަނޑު 6:00 އިން ފެށިގެން އައްޑޫގެ ފިހާރަތަކާއި ކެފޭތައް ބަންދުކުރަން އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ވަނީ އަންގާފައެވެ.

މީގެއިތުރުން އާންމުން އެއްވެ އުޅޭ ތަންތަން ބަންދުކޮށް އެ ތަންތަނުގައި ހިންގާ ހަރަކާތްތައް ވެސް ހުއްޓާލުމަށް ވެސް ކައުންސިލުން ވަނީ އަންގާފައެވެ. އަދި އައްޑޫގެ އަވަށްތައް މާދަމާ ހެނދުނު 8:00 އިން ފެށިގެން ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!