ކޮވިޑް-19: މައްކާ އާއި މަދީނާ ވެސް ލޮކްޑައުންކޮށްފި

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން ސައުދީ އަރަބިއާގެ މާތްވެގެންވާ މައްކާ އާއި މަދީނާ ލޮކްޑައުން ކުރަން ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް އަންގަވައިފި އެވެ.

މުސްލިމުންގެ މުގައްދަސް ދެ ހަރަމްފުޅު ހިމެނޭ ދެ ސިޓީގެ އިތުރުން ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒް ބަންދު ކުރަން ވެސް ރަސްގެފާން ވަނީ އަންގަވައިފަ އެވެ. ރަސްމީ ނޫސް އެޖެންސީން ބުނީ މި ތިން ސިޓީ އަށް ވަދެ ނުކުތުން މަނާކޮށްފައި ވަނީ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ. މީގެ އިތުރުން ސައުދީގެ 13 ޕަރޮވިންސެއް ބަންދު ކުރުމަށް ވެސް ރަސްގެފާން ވަނީ އަމުރު ކުރައްވައިފަ އެވެ.

ސައުދީގައި މިހާރު ވަނީ ރޭގަނޑު 7 އިން ފެށިގެން ހެނދުނު 6 އާ ދެމެދު މީހުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފަ އެވެ. ނަމަވެސް މިއަދުން ފެށިގެން ވަނީ މައްކާ އާއި މަދީނާ އަދި ރިޔާޒުގައި މެންދުރު ފަހު 3 އިން ފެށިގެން މީހުން ބޭރަށް ނުކުތުން މަނާކޮށްފަ އެވެ. ސައުދީގައި ކާފިއު ހިންގާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން 21 ދުވަހުގެ މުއްދަތަށެވެ. ކާފިއުގެ އަމުރާ ޚިލާފުވެއްޖެ ނަމަ 10،000 ރިޔާލް (2،664 ޑޮލަރު) އިން ޖޫރިމަނާކޮށް ނުވަތަ ޖަލަށްލުމަށް ފުލުހުންނަށް ވަނީ އަންގައިފަ އެވެ.

ސައުދީގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން މިހާރު ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލައި، ސްކޫލްތައް ބަންދުކޮށްފަ އެވެ. އަދި ވައިގެ ދަތުރުތައް ވެސް ވަނީ ހުއްޓާލައިފަ އެވެ.

ސައުދީގައި މިހާތަނަށް ވަނީ 900 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 2 މީހުން މަރުވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!