އައްޑޫ ފިހާރަތައް ބަންދު ކުރަން ނިންމީ އެޗްޕީއޭއާ މަޝްވަރާނުކޮށް!

އައްޑޫ ސިޓީގެ ރެސްޓޯރެންޓްތަކާއި ކެފޭތަކުގެ އިތުރުން ފިހާރަތައް ބަންދު ކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އެނގިގެން ނޫން ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިރެއިން ފެށިގެން ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި، އާންމު ހިދުމަތް ދޭ ތަންތަން ކަމުގައިވާ ފިހާރަތަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން ހަވީރު 6:00 އަށް ކަމަށެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ކޮވިޑް-19 ގެ ކަންކަމާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ކައުންސިލްގެ އެ ނިންމުން ސޯޝަލް މީޑިޔާ އިން ފެނިވަޑައިގެންނެވި ކަމަށާއި އެއީ އެޗްޕީއޭއާ މަޝްވަރާ ކުރުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އަދި ކޮވިޑް-19 އާއި ގުޅޭ ކަންކަމުގައި ސިއްހީ ފަރާތްތަކުން ބުނާ ގޮތަށް ކަންކަން ކުރުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވެސް އޮންނާނީ ކައުންސިލްތަކަށް އަންގާފައި ކަމަށާއި ކައުންސިލްގެ އެ ނިންމުމުގެ ގާނޫނީ ސައްހަ ކަމާއި މެދު ވަކި އެއްޗެއް މިވަގުތު ދަންނަވަން ދަތި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

“މަޝްވަރާ ކުރެވިގެން ކުރި ކަމެއް ނޫން އެއީ” މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 8 މީހަކު ވަނީ އެ ބަލިން ރަނގަޅު ވެފައެވެ. އަދި ބަކީ ފަސް މީހުންނަށް ދަނީ ފަރުވާ ދެމުން ނެވެ. އެފަސް މީހުންގެ ތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓުން ކޮވިޑް19 އަށް ޕޮޒިޓިވްވި 2 މީހުންނާއި، އަނަންތަރާ ދިގު ރިސޯޓުން 2 މީހަކު އަދި އައިލެންޑް ސަފާރީ އިން ޕޮޒިޓިވް ވި އެކަކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!