ލަންޑަނުގެ ‘ކިންގްސް ކޮލެޖު’ ހޮސްޕިޓަލުގައި މަސައްކަތްކުރަމުންދިޔަ ޒުވާން އަންހެން ނަރުހަކު އަމިއްލައަށް މަރުވެއްޖެއެވެ. އެއްވެސް ހަރަކާތެއް ނެތި ވެއްޓިފައި އޮއްވާ އޭނާ ފެނިފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ހަވީރު ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއާއެކު އެތަނުގެ މުވައްޒަފުން ވަނީ ފުލުހުންނަށް ގުޅާފައެވެ.
އަދި، އޭނާ އެއްވެސް ހަރަކާތެއް ނެތިފައި އޮތްތަން ފެނުމާއެކު، ވަގުތުން ވަނީ ފަރުވާދޭން ފަށާފައެވެ. އެހެންނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އޭނާ ވަނީ މަރުވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ މަރުވެފައި ވަނީ ކޯއްޗެއް ބޭނުންކޮށްގެން ކަމެއް މިހާތަނަށް ރިޕޯޓުތަކުން އެނގެން ނެތަސް، ފުލުހުން ބުނީ އެ މަރުގައި ޝައްކު ކުރެވޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.
“އަހަރެމެންގެ މެޑިކަލް ސްޓާފުން ކުރި މަސައްކަތުން ވެސް އޭނާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވި. މި ދަނޑިވަޅުގައި އަހަރެމެން މި ދަނީ އޭނާގެ އާއިލާއަށް އެއްބާރުލުން ފޯރުކޮށްދެމުން.” މަރުވި އަންހެން މީހާގެ ވަނަވަރު ހާމަ ކުރުމަށް ދެކޮޅު ހަދަމުން، އެ ހޮސްޕިޓަލުގެ ފަރާތުން ބުނެފައިވެއެވެ.
މަރުވި ނަރުސް މީހާ މަސައްކަތް ކުރަމުން ދިޔައީ ކޮރޯނާވައިރަސް ޖެހިފައިވާ ބަލި މީހުންނަށް ފަރުވާދޭ އައި.ސީ.ޔޫ ވޯޑެއްގައި ކަމަށް ބެލެވެއެވެ. އަދި ވައިރަސް ޖެހިގެން މިފަހުން އެތަނުގައި 8 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް އަންހެން މީހާ އަމިއްލައަށް މަރުވީ ކޮން ސަބަބަކާހެދި ކަމެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.
ލަންޑަނަކީ އިނގިރޭސިވިލާތުގައި ކޮރޯނާވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ސިޓީއެވެ. އެގޮތުން، އެ ޤައުމުގައި ރިޕޯޓު ކޮށްފައިވާ 8000 އަށް ވުރެ ގިނަ ކޭސްގެ ތެރެއިން ގާތްގަނޑަކަށް 3000 ކޭހަކީ ހަމައެކަނި ލަންޑަނުން ފެނުނު ކޭސްތަކެވެ.