ފޮޓޯ: ދަ ޕްރެސް

ޖަލުގައި ހުރި ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއްނެތް: ރައީސް

ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މުޅި ދުނިޔެ ކަންބޮޑުކޮށްލި ކޮވިޑް19 ފެތުރެންފެށި ފަހުން ނޫސްވެރިންނާ ފުރަތަމަ ފަހަރަށް ރައީސް މިއަދު ވަނީ ބައްދަލް ކުރައްވާފައެވެ. މި ބައްދަލް ކުރެއްވުމުގައި މިހާރު ދިމާވެފައިވާ ހާލަތާއި ގުޅިގެން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއްވެސް ލުޔެއް ދެއްވުމަށް ސަރުކާރުން ނިންމާފައިވޭތޯ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ. އަދި އިގްތިސާދީ މައްސަލަތަކާއި ގުޅިގެން އެމަނިކުފާނާ އެއްވެސް މަޝްވަރާއެއް ކުރަން ނިންމާފައިވޭތޯވެސް ސުވާލުކޮށްފައިވެއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ޖަލުގައި ތިބޭ ފަރާތްތަކަށް މައާފު ދިނުމަށް ގާނޫނުގައި ވަކި އުސޫލުތަކެއް ހަމަޖެހިފައިވާ ކަމަށެވެ. އެމަނިކުފާނު އަމަލުކުރައްވާނީވެސް އަދި އަމަލު ކުރައްވަމުން ގެންދަވަނީވެސް އެ އުސޫލުތަކުގެ ދަށުން ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޖަލުގައި ތިބި މީހުންގެ ތެރެއިން ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް ނެތް އެމަނިކުފާނުގެ ނެތް ކަމަށެވެ.

“ޖަލުގައި ތިއްބެވި ފަރާތްތަކާއި، ތިބި ފަރާތްތަކަށް މައާފު ދިނުމުގެ އިހުތިޔާރު މި އޮންނަނީ ގާނޫނުގެ ތެރެއިން ވަކި އުސޫލެއްގެ ތެރެއިން ހަމަޖެހިފައި. އެ އުސޫލުގެ ތެރެއިން އަޅުގަނޑު މަސައްކަތް ކުރަމުން މި ގެންދަނީ. އެހެންވީމަ އެގޮތަށް އަޅުގަނޑު އަމަލުކުރަމުން ގެންދާނަން. ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް.” ރައީސް ސޯލިހް ވިދާޅުވިއެވެ.

ހުރިހާ ފަރާތްތަކުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!