ފަތުރުވެރިން ފުރާތާ 14 ދުވަސް ފަހުން މުވައްޒަފުންނަށް ރިސޯޓުތަކުން ފޭބޭނެ

ކޮންމެ ރިސޯޓެއްގައި ވެސް މިވަގުތު ތިބި މުވައްޒަފުންނަށް އެ ރިސޯޓުން ފޭބޭނީ އެ ރިސޯޓުގައި ހުންނަ އެންމެ ފަހުގެ ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މި މަހުގެ 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފައެވެ. އަދި އެ އެންގުމާއި ހިލާފުވާ ފަރާތްތަކަށް މިހާރުވެސް ވަނީ ފިޔަވަޅު އަޅާފައެވެ.

ރައީސް ސޯލިހު ވިދާޅުވީ މި މަހުގެ 27 އިން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މި މަހުގެ 27 އިން ފެށިގެން ރާއްޖެއަށް ފަތުރުވެރިން އައުން މަނާވެގެން ދާނެއެވެ. މީގެއިތުރުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ދެ ހަފްތާ ތެރޭ، ހުރިހާ ރިސޯޓެއް ބަންދުވާނެ ކަމަށް ބެލެވޭ ކަމަށާއި މިހާތަނަށް 50 ރިސޯޓު ބަންދު ކޮށްފައިވާ ކަމަށެވެ.

“ރިސޯޓުތަކުން އެންމެ ފަހު ފަތުރުވެރިޔާ ފުރާ ދުވަހުން ފެށިގެން 14 ދުވަސް ހަމަވުމުން އެ ރިސޯޓެއްގެ މުވައްޒަފުންނަށް ރިސޯޓުން ފުރައިގެން އެހެން ތަންތަނަށް ދިޔުމުގެ ފުރުސަތު ދެވޭނެ،” ރައީސް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ގެއްލުންތައް ވަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ފޮރިން ކަރަންސީ ޝޯޓޭޖު ރާއްޖޭގައި އެބަހުރި ކަމަށާއި މިވަގުތު ރާއްޖޭގެ ވިސްނުން ހުރީ ލޯނު ނެގުމަށް ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތައް އަޅަމުން ގެންދަނީ އެވަގުތަކާއި ހާލަތަކަށް ބެލުމަށްފަހު ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!