ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުން މަޑުޖައްސާލާފައިވާކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ހާމަކުރުމަށް މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުންނެވެ.
ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުން މިވަގުތަށް މަޑުޖައްސާލުމަށް ނިންމާފައިވޭތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ކޮވިޑްގެ ހާލަތާއި ގުޅިގެން މިވަގުތަށް އެކަން މަޑުޖައްސާލާފައިވާ ކަމަށެވެ. ނަމަވެސް ރައީސް ވިދާޅުވީ އަދިވެސް ބައެއް ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަން އެބަހުރި ކަމަށެވެ. އެހެން ނަަމަވެސް މިހާރު ކުރިމަތިވެފައިވާ ހާލަތުގައި އެކަން ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ގިނަ ސިޔާސީ ޕާޓީތަކުގެ އެހީތެރިކަމާއެކު އުފެދިފައިވާ ރައީސް ސޯލިހްގެ ސަރުކާރުގައި ސިޔާސީ މަގާމުތައް ބޮޑުތަނުން އިތުރުވެފައިވާތީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ރައީސް ސޯލިހް ވަނީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ސިޔާސީ މަގާމުތަކަށް ކުރާ ހޭދަ ކުޑަކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.