ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު ތިން މީހަކު ރަނގަޅުވެއްޖެއެވެ.
މިކަން އިއުލާންކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މި ތިން މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން، 8 މީހުން ވަނީ ރަނގަޅުވެފައެވެ. މި ބައްޔަށް މިހާރު ފަރުވާދެމުން އަންނަނީ ފަސް މީހަކަށެވެ.
މިއަދު ރަނގަޅުވި ތިން މީހުން ކޮވިޑް-19 އިން ރަނގަޅުވި ކަމަށް ނިންމީ ކޮވިޑް-19 އަށް ޑަބަލް ނެގެޓިވްވުމާ ގުޅިގެން ކަމަށާއި އެމީހުން އެއްކޮށް ދޫކޮށްލާނީ 14 ދުވަހު އިތުރަށް މޮނީޓާކުރުމަށްފަހު ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި މިހާރު ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ހުކުރު ދުވަހުން ފެށިގެން ރާއްޖެ އަށް އެއްވެސް މީހަކަށް ނާދެވޭނެ ގޮތަށް ބޯޑަރު ބަންދުކުރަން ވެސް ވަނީ ނިންމާފައެވެ.