ވޯލްޑްބޭންކުން 10 މިލިއަން ޑޮލަރު ލިބިއްޖެ، އިތުރު ބޭންކުތަކާ ދަނީ މަޝްވަރާ ކުރަމުން: ރައީސް ސޯލިހު

ކޮވިޑް ފަންޑަށް ވޯލްޑްބޭންކުން 10 މިލިއަން ޑޮލަރު ލިބިއްޖެ ކަމަށާއި އިތުރު ބޭންކުތަކާ ދަނީ މަޝްވަރާ ކުރަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިކަން އިއުލާންކުރައްވާފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

“މި ޙާލަތުގައި ރާއްޖެއަށް އެހީތެރިވެދިނުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް އެބަ ދެއްވާ. އެގޮތުން ވޯލްޑް ބޭންކުން 10 މިލިއަން ޑޮލަރު މިހާރުވަނީ ދިވެހިރާއްޖެއަށް ލިބިފައި” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މި ހާލަތުގައި ދޭ އިގްތިސޯދީ ޕެކޭޖު ނެގުމަށް ރާއްޖެއިން ވިސްނާފައި ނުވާ ކަމަށެވެ.

“އައިއެމްއެފްގެ ޕެކޭޖަކަށް ދިޔުމުގެ ވިސްނުމެއް ނެތް. އެބޭފުޅުން ފައިސާ ދެންޔާ ހުރޭ ޝަރުތުތަކެއް. މުވައްޒަފުން މަދުކުރުން މުސާރަ ކުޑަކުރުން. އެކަމަކު އަޅުގަނޑުމެން އެކަމެއް ނުކުރާނަން. އެ ޕެކޭޖަކަށް އަޅުގަނޑުމެން ނުދާނަން.،” ރައީސް ވިދާޅުވިއެވެ.

މީގެ ކުރިންވެސް އައިއެމްއެފްގެ މާލީ އެހީ ހޯދުމުން ސިވިލް ސާވިސްގެ މުސާރަ ދަށްކޮށް މުވައްޒަފުން ވަކިކުރަން ޝަތުރު ކުރިކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ މި ހާލަތުގައި އެކުވެރި ގައުމުތަކުންދޭ އެކި ކަހަލަ އެހީތެރިކަމަށްޓަކާ އެގައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައިފައެވެ.

ރައީސް ވަނީ އިގްތިސޯދީ ގޮތުން ދަތިވެފައިވާ މި ދަނޑިވަޅުގައި ރައްޔިތުންނާއި ވިޔަފާރިތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ފާހަގަ ކުރައްވައިފައެވެ.

އެގޮތުން ލޯނުތައް ދެއްކުން ފަސް ކުރުމާއި، އިގްތިސޯދުގައި ބޭރުފައިސާ ދައުރުވާ މިންވަރު އިތުރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ރައީސް ފާހަގަ ކުރެއްވިއެވެ.

“ރައްޔިތުންނާއި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން މި ނިންމީ، މިދަނޑިވަޅުގައި ދިމާވެފައިވާ ދަތިތަކާއެކުވެސް، ދިވެހިންގެ ވަޒީފާތައް ރައްކާތެރިކޮށްދީ، އިގްތިސޯދުގެ ދުވެލި ދެމެހެއްޓުމުގެ މަގުސަދުގައި. އަދި ފައިސާ ދައުރުވުން ނުހުއްޓި، އާމްދަނީ އިތުރުކުރުމަށް މަގުފަހިކުރުމަށް،” ރައީސް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!