ފޮޓޯ: މިހާރު

ރާއްޖެ މިހާރުވެސް މިއޮތީ ލޮކްޑައުނެއްގައި ކަމަށް ރައީސް ވިދާޅުވެއްޖެ

ރާއްޖެ އޮތީ ލޮކްޑައުންއެއްގައި ކަމަށް ރައީސް ވިދާޅުވެއްޖެއެވެ. މީގެ 24 ގަޑިއިރު ފަހުން ރާއްޖެއަށް ފްލައިޓަކަށްވެސް ނާދެވޭނެ ކަމަށާއި މިހާރުވެސް އެއްރަށުން އަނެއް ރަށަށް ފަތުރުވެރިންނަށް ނުދެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ 24 ގަޑިއިރުފަހުން ރާއްޖެ އަށް މީހަކަށް ނާދެވޭނެ ކަމަށާއި އެހެންކަމުން މިހާރުވެސް ގައުމު މިއޮތީ ލޮކްޑައުނެއްގައި ކަމަށެވެ.

“ބޭރަކުން މީހަކަށް ނާދެވޭނެ، މީގެ 24 ގަޑިއިރުފަހުން. ރިސޯޓުތަކުގައި ތިބޭ މީހުންނަކަށް އެހެން ރަށްރަކަށް ނުދެވޭ. އެހެންވީމަ މިވަގުތު މިއޮތީ ބުނެވިދާނެ ލޮކްޑައުނެއްގައޭ. އެ ނޫން ގޮތެއް ނެތް މިވަގުތު އަޅުގަނޑުމެންނަށް” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަދަ ހާލަތެއްގައި އޮތް ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ އެއްވެސް ކަމަކަށް ދަތިވިޔަނުދީ ސަރުކާރުން މަސައްކަތްކޮށްދެއްވާނެ ކަމަށެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވާން ރައްޖެ އޮތީ ތައްޔާރަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮވިޑް އާ ގުޅިގެން ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅު ތަކެއް އަޅާފައިއެވެ. އެގޮތުން އިތުރު އެއް ހަފްތާއަށް ސުކޫލް ތަށް ބަންދު ކުރުމުގެ އިތުރުން ވަގުތީ ގޮތުން އޮންއެރައިވަލް ވިސާދިނުން ވެސް ވަނީ މެދުކަނޑާލާފައިއެވެ.

ރާއްޖެއިން ކޮވިޑް19 ފެނުނު ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ވާހަކަ ދެއްކެވި މިއީ ފުރަތަމަ ފަހަރެވެ. މިހާތަނަށް ރާއްޖެއިން 13 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާ އިރު މިބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 8 އަކަށް އަރާފައެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން ދަނީ 5 މީހުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!