އިތުރު ހަފްތާއަކަށް ސަރުކާރާއި ސްކޫލްތައް ބަންދުކޮށްފި އެވެ.
މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، ޗައިނާ އިން ކޮވިޑް-19 ފެތުރެން ފެށި ފަހުން، މިދިޔަ ޖެނުއަރީ މަހުން ފެށިގެން ދިވެހި ސަރުކާރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ.
އެގޮތުން، މިހާރުވެސް ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތަކާއި، ކޮލެޖުތަކުގެ އިތުރުން ޔުނިވާސިޓީތައް ވެސް އިތުރު ހަފްތާއަކަށް ބަންދު ކުރަން ނިންމާފައިވާކަމަށް ރައީސް އިއުލާނު ކުރެއްވި އެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި އާއްމު ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ސިއްހީ ތަޖުރިބާކާރުން ލަފާގެ މަތިން، ހުރިހާ ރައްޔިތުން ގޭގައި މަޑުކުރުމަކީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާކަމެއް ކަމަށެވެ. އެގޮތުން، ސަރުކާރުން ފިޔަވަޅުތައް އަޅަމުންދަނީވެސް ސިއްހީ ތަޖުރިބާކާރުން ލަފަޔާއެކު ކަމަށެވެ.
“މިކަމުގައި އެންމެ އިސް ބަސްވެސް، އަދި އެންމެ ފަހު ބަސް ވެސް ވިދާޅުވާނީ ސިއްހީ ތަޖުރިބާކާރުން. ސަރުކާރުން ހަމައެކަނި ކުރާކަމަކީ އެ ބޭފުޅުން ވިދާޅުވާގޮތަށް ކަންތައްތައް ފަހިކޮށްދިނުން،” ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު މިއަދު ވަނީ ރާއްޖޭން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާކަން ވެސް އިއުލާނު ކުރައްވައިފަ އެވެ. އެގޮތުން، އަންނަ ހުކުރު ދުވަހުން ފެށިގެން ބޭރު އެއްވެސް ގައުމަކުން މީހުން ރާއްޖެއަށް އެތެރެނުވެވޭނަކަމަށް ރައީސް ވިދާޅުވި އެވެ.