އިންޓަނެޓް އަގު ހެޔޮ ނުކުރާތީ ޓެލެކޮމްގެ ވެރިން މަޖިލިހަށް ހާޒިރުކުރަނީ

ކޮވިޑް-19 ފެތުރޭތީ ގިނަ ބަޔަކު ގޭގައި ތިބެގެން މަސައްކަތް ކުރަން ޖެހިފައިވާ އިރު، އިންޓަނެޓާއި މުވާސަލާތީ އެހެން ހިދުމަތްތައް ދޭ ކުންފުނިތަކުން ލުޔެއް ނުދޭ މައްސަލައިގައި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ރޭ ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ސޮއި ކުރައްވާ، މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މި ދަނޑިވަޅަކީ ގިނަ ރައްޔިތުންތަކެއް ގޭގައި ތިބެގެން ވަޒީފާ އަދާ ކުރަން މަޖުބޫރުގެ ދަރިވަރުންވެސް އެމީހުންގެ އުނގެނުމުގެ ކަންކަން ގޭގައި ކުރަން މަޖުބޫރު ވެފައިވާއިރު މުވާސަލާތީ ހިދުމަތުގެ ތެރެއިން އިންޓަނެޓު ޒަރޫރީ ހިދުމަތަކަށް ވެފައިވާ ކަމަށެވެ.

އެހެންނަމަވެސް ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އެކަށީގެންވާ ލުޔެއް ރައްޔިތުންނަށް ފޯރުކޮށްދީފައިނުވާކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ކުންފުނިތައް ރެގިއުލޭޓް ކުރުމުގެ ބާރާއި ހިދުމަތުގެ އަގުތައް ކޮންޓްރޯލްކޮށް އެ އަގުތައް ފާސްކުރުމުގެ ބާރު ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަށް ލިބޭއިރު އެކަމަށް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ.

އެހެންކަމުން، އެ އޮތޯރިޓީގެ ޒިންމާ އެންމެ ފުރިހަމަ އަށް އަދާ ކުރަމުން ނުދަނީ ކީއްވެތޯ ސާފު ކުރުމަށް އޮތޯރިޓީގެ އިސްވެރިޔާ މަޖިލީހަށް ހާޒިރު ކުރުމަށް ވަނީ އެދިފަ އެވެ.

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަށް ގާނުނުގެ 17 ވަނަ މާއްދާގެ (އ) އާއި އެ މާއްދާގެ ދަށުން ހެދިފައިވާ ގަވައިދުގެ 38 ވަނަ މާއްދާއިން، ކުންފުނިތައް ރެގިއުލޭޓް ކުރުމުގެ ބާރާއި ހިދުމަތުގެ އަގުތައް ކޮންޓްރޯލްކޮަށް އަގުތައް ފާސް ކުރުމުގެ ބާރު ލިބެ އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ރައްޔިތުން ގެއިން ބޭރުގައި އުޅުން މަދުކުުރުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުންް ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ހިދުމަތް ދިނުން ވަނީ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފައެވެ.

މީގެ އިތުރުން، ސްކޫލްތައް ބަންދުކޮށް، ކިޔަވައިދިނުން ވެސް އޮންލައިންކޮށް ކުރިއަށް ގެންދަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!