ފޮޓޯ: މިހާރު

ވެށިފަހި ޕްރޮގްރާމްގެ ގޯތި ނުލިބުނު މީހުންގެ ލިޔުން ހުށަހަޅާ މުއްދަތު އިތުރުކޮށްފި

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯތި ނުލިބޭ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ލިޔެކިޔުންތައް ހުށަހަޅަން ހުޅުވާލި މުއްދަތު ހައުސިން މިނިސްޓްރީން އިތުރުކޮށްފި އެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އަދި ގާކޮށިން ފްލެޓް ދޭނެކަމުގެ ލިޔުން ލިބި ފްލެޓް ހަވާލު ނުކުރާ މީހުނާއި، މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެ ކަމުގެ ލިޔުން ލިބި މިހާތަނަށް ގޯތި ލިބިފައި ނުވާ މީހުންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފެށި އެވެ. އެ ކަމަށް ޓަކައި، މިދިޔަ އާދީއްތަ ދުވަހުގެ ކުރިން އެ ކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅަން މިދިޔަ މަހު އެ މިނިސްޓްރީން އިއުލާން ކުރި އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯތި ނުލިބުނު މީހުންގެ ލިޔެކިޔުންތައް ހުށަހަޅަން މިނިސްޓްރީން އެންގި މުއްދަތު ހަމަވެފައި ވަނީ ސަރުކާރު ބަންދު ކުރި މުއްދަތުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އެ މުއްދަތު ދެން ސަރުކާރު ހުޅުވޭ ތާރީހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

އެ ގޮތުން، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯތި ނުލިބުނު ފަރާތްތަކުން އައިޑީ ކާޑު ކޮޕީގެ އިތުރުން ފްލެޓް ދޭނެ ކަމަށް އެއްބަސްވެ ސަރުކާރުން ދީފައިވާ ލިޔެކިޔުންތަކާއި، ދޫކޮށްލަން އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަން ހައުސިން މިނިސްޓްރީން އަންގާފައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފެށި ވެށިފަހި މާލެ ޕްރޮގްރާމް ހުޅުވާލީ ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި ބިން ނުވަތަ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެއަށް އުފަން ރަށްވެހީގެ އިތުރުން މާލެ މުނިސިޕަލްޓީގެ ދަފުތަރުގައި ރަޖިސްޓްރީވެފައި ތިބި މީހުނަށެވެ. އޭގެ ތެރެއިން ފްލެޓް ލިބުނީ ބައެއް މީހުނަށެވެ.

އޭގެ ފަހުން ގާތްގަނޑަކަށް 10 އަހަރު ވެގެން ދިޔައިރު އަދިވެސް ފްލެޓް ނުލިބޭ ފަރާތްތައް އެބަ އުޅެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ދިރިއުޅެމުން ދަނީ ކުލި ދައްކައިގެން ކުދިކުދި ތަންތަނުގައި ވަރަށް ހާލުގަ އެވެ.

އެ ފަރާތްތަކަށް ގޮތެއް ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!