ނަތާޝާ އޮޓް

ކޮރޯނާވައިރަސް ޓެސްޓުގެ ނަތީޖާގެ އިންތިޒާރުގައި ހުއްޓައި މަރުވެއްޖެ

ކޮރޯނާވައިރަސްގެ އަލާމާތްތައް ފެނިގެން ޓެސްޓު ހަދައި، އޭގެ ނަތީޖާ ލިބުމުގެ އިންތިޒާރުގައި ހުއްޓައި 39 އަހަރުގެ އަންހެނަކު މަރުވެއްޖެއެވެ. މިއީ އެމެރިކާގެ ނިއު އޯލީންސްގައި ސޯޝަލް ވޯކާއެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ މީހެއް ކަމަށްވެއެވެ. އޭނާ މަސައްކަތްކުރަމުން ދިޔައީ އެޗްއައިވީގެ ބަލިމީހުންނަށް ފަރުވާދޭ އޯގަނައިޒޭޝަނެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަތާޝާ އޮޓް ނަމަކަށް ކިޔާ މި އަންހެން މީހާ އެންމެ ފުރަތަމަ މާޗް 10 ވަނަ ދުވަހު އޭނާގެ ލޯބިވެރިޔާއަށް މެސެޖު ކުރީ “ކުޑަކޮށް ހުން އައިސް، މޭގައި ރޯގާ ހިފާފައި” ހުރި ކަމަށް ބުނެއެވެ. އަދި އެކަމާ ގުޅިގެން ހޮސްޕިޓަލަށް ދިޔުމުން އެތަނުން ވަނީ އޭނާގެ ޓެސްޓު ހަދަން ދެކޮޅުހަދައި، ގެއަށް ފޮނުވައިލާފައެވެ. ސަބަބެއް ކަމަށް އެތަނުން ބުނީ، އޭނާއަކީ ކޮރޯނާވައިރަހުގެ ނުރައްކާ ނެތް، ސިއްޙަތު ރަނގަޅު މީހަކަށް ވުމުން ކަމަށް ނަތާޝާއާ ހަވާލާދީ އޭނާގެ ލޯބިވެރިޔާ ފޭސްބުކުގައި ހާމަކޮށްފައިވެއެވެ. ނަމަވެސް އޭގެ ޖެހިގެން އައި ދުވަހު ނަތާޝާ ވަނީ ފްލޫ ޓެސްޓެއް ހަދާފައެވެ. އޭގެ ނަތީޖާ ނައްސި ވުމުން، އިތުރަށް ކޮރޯނާވައިރަހަށް ޓެސްޓުކުރަން ނުޖެހޭނެ ކަމަށް އެތަނުން ބުނި ކަމަށްވެއެވެ.

އެހެންނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ކާއެއްޗެއް ނުކެވޭ ވަރަށް ބަލިވުމުން، ނަތާޝާ ވަނީ އެންމެފަހުން ކޮރޯނާވައިރަހަށް ޓެސްޓުކޮށްފައެވެ. އޭގެ ނަތީޖާ ލިބެން މަދުވެގެން 5 ދުވަސް ނަގާނެ ކަމަށް ބުނުމުން، ނަތާޝާ އަކަށް ކެތެއް ނުކުރެވުނެވެ. އަދި “އަހަރެން އިތުރަށް ބަލިވެ އުޅޭކަށް ބޭނުމެއް ނޫން” ކަމަށްބުނެ، ހަމަ އެ ހަފްތާގައި ރާ ބޯން ފެށީ، އެ ބޮއެގެން މީހަކު ކޮރޯނާވައިރަހުން ފަރުވާ ލިބިގަތް ކަމަށް ލިޔެފައި އޮތް އާޓިކަލެއް ކިޔުމަށް ފަހުގައެވެ.

“އަހަންނަކަށް ނުވިސްނޭ އަހަރެން ރަނގަޅު ނުވަނީ ކީއްވެކަމެއް. ހީވަނީ މޭ ތެރޭގަ އެއްޗެއް އުޅޭހެން” އެންމެ ފަހު މެސެޖަކަށް ނަތާޝާ ލިޔެފައިވެއެވެ. އޭގެ ފަހުން އެއްވެސް ޚަބަރެއް ނުވެގެން އޭނާ ލޯބިވެރިޔާ އެގެއަށް ގޮސް ބެލިބެލުމަށް ފެނުނީ ނަތާޝާ ބަދިގޭގައި މަރުވެފައި އޮއްވައެވެ.

ނަތާޝާގެ ލޯބިވެރިޔާ އޭނާ ސިފަކޮށްފައިވަނީ ވަރަށް ހިތްހެޔޮ، މަޖާ މީހެއްގެ ގޮތުގައެވެ. އަދި މިއީ އޭނާއަށް ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ކަމަށް ލޯބިވެރިޔާ އާންމުންނާ ހިއްސާކޮށްފައިވެއެވެ. “އޭނާ މަރުވެފައި އޮތްތަން ފެނުން އިރު އަހަންނަށް ހީވީ އަހަރެންގެ މުޅި ދުނިޔެ ފުނޑުފުނޑުވި ހެން.” ލޯބިވެރިޔާ ބުނެފައިވެއެވެ.

ނަތާޝާ މާޗް 19 ވަނަ ދުވަހު މަރުވެފައިވާއިރު، އޭނާގެ ކޮރޯނާވައިރަހުގެ ޓެސްޓުގެ ނަތީޖާ އަދިވެސް ލިބިފައިނުވާ ކަމަށްވެއެވެ. އަދި އޭނާ މަރުވީ ސީދާ ކޮރޯނާވައިރަސް ޖެހިގެން ކަމެއް ނިއު އޯލީންސްގެ އެއްވެސް ސިއްހީ ކަމާބެހޭ ފަރާތަކުން ޔަޤީންކޮށްދީފައެއް ނުވެއެވެ. މިފަދަ ކަމެއް ހިނގާފައި މިވަނީ، އެމެރިކާގައި ކޮރޯނާވައިރަހަށް ޓެސްޓުކުރުމުގައި އާންމުންނަށް ދަތިތަކާ ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައެވެ. އެހެނަސް މުއްސަނދިންނާއި މަޝްހޫރު މީހުން އެއްވެސް އުނދަގުލަކާނުލައި ޓެސްޓުހަދައި، ނަތީޖާވެސް އަވަސްކަމާއެކު ލިބިގަންނަމުން ދާކަމަށް ބުނެ، އެތައް ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!